ޚަބަރު

ފަހަތުން އަރާ ލީޑްސް އިން ޗެލްސީ ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ދެކޮޅަށް ލީޑްސް ޔުނައިޓެޑް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގައި ޗެލްސީ އިން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ނުރައްކާތެރި ގިނަ ހަމަލަތަކެއް އުފައްދާފަ އެވެ.

މި މެޗުގައި ޗެލްސީ އިން ލީޑު ނަގާފައިވަނީ މެޗުގެ 24 ވަނަ މިނިޓުގައި ކޯލް ޕާމާ ދިން ޕާހަކުން ޖޮއާއޯ ޕެޑްރޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ދެވަނަ ހާފަށް ނިކުތްއިރު ޗެލްސީ އަށް 1-0 ގެ ލީޑެއް ލިބިފައިވާއިރު މި ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި ޗެލްސީ އަށް ލިބުނު ޕެނަލްޓީ އަކުން ކޯލް ޕާމާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

ލީޑްސް އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ މެޗުގެ 67 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ލޫކަސް އެންމޭޗާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

އަދި އޭގެ ހަ މިނިޓު ފަހުން ޗެލްސީގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ނޯއާ އޮކަފޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ.

މި ނަތީޖާ އާއިއެކު ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ޗެލްސީ އަށް ލިބުނު ފުރުސަތު އެ ޓީމަށް ވަނީ ގެއްލިފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން އެ ޓީމަށް ލިބިފައިވާ 44 ޕޮއިންޓައެކު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ. ލީޑްސް އަށް ލިބިފައިވާ 30 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ 15 ވަނަ މަގާމް ލިބިފަ އެވެ.