ރޮބާޓޯ މާޓިނޭޒަށް ފަހު ޕޯޗުގަލްގެ ގައުމީ ކޯޗުކަމަށް ދެން އަންނާނީ ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނަން ފަށައިފި އެވެ.
ޗެލްސީ އަށް ތިން ފަހަރު ޕްރެމިއާ ލީގު ކާމިޔާބު ކޮށްދިން އެ ކުލަބުގެ އެންމެ ކާމިޔާބު ކޯޗު މޮރީނިއޯ އަކީ މިވަގުތު ޕޯޗުގަލްގެ ބެންފީކާގެ ކޯޗެވެ. އޭނާ އަށް އަންނަ ސީޒަނުގައި ރެއާލް މެޑްރިޑުގެ ކޯޗުކަން ދީފާނެ ކަމުގެ އަޑުތައް ވެސް ދޭތެރެ ދޭތެރެއިން އިވެ އެވެ. ނަމަވެސް މޮރީނިއޯ މިކަން ދޮގު ކުރެ އެވެ. އެކަމަކު ޕޯޗުގަލްއާ ބެހޭ ގޮތުން އޭނާ ހުރީ ހިމޭނުންނެވެ.
މިވަގުތު ގަބޫލު ކުރެވިފައިވަނީ މޮރީނިއޯ ގައުމީ ޓީމާ ހަވާލުވާނަމަ ބެންފީކާގެ ކޯޗުކަން ދިނުން އެންމެ ގާތީ މެންޗެސްޓާ ޔުނައިޓެޑުން ވަކިކުރި ޕޯޗުގަކްގެ ކޯޗު ރުބެން އަމޮރިމަށެވެ. އޭނާ ވަނީ ބެންފީކާ އަށް ނުވަ އަހަރު ކުޅެދީފަ އެވެ. މިހެންވެ އޭނާ އާއި ކުލަބާ އަބަދުވެސް ގާތް ގުޅުމެއް އޮންނަ ކަމަށްވެ އެވެ.
އިޓަލީގެ އިންޓަމިލާނާއި ޕޯޗުގަކްގެ ޕޯޓޯ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން މޮރީނިއޯ ވަނީ މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ ރޯމާ އާއި ރެއާލް މެޑްރިޑަށް ވެސް ކާމިޔާބު ހޯދައިދީފަ އެވެ.
ކެރިއަރުގެ ފަހު ކޮޅު ގައުމީ ޓީމަށް ކޯޗުކޮށްދިނުމަކީ މޮރީނިއޯ ދެކޭ ހުވެފެނެކެވެ. އޭނާ މީގެ ކުރިން ބުނެފައިވަނީ ޕޯޗުގަލް އަށް އޭނާހެ ހިދުމަތް ރަނގަޅަށް ދެވޭނެ އުމުރެއްގައި ހުރެ ގައުމީ ޓީމަށް ދާން ބޭނުންވާ ކަމަށެވެ.
ސްޕޭނުގެ ކޯޗު މާޓިނޭޒް ޕޯޗުގަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ކުރި އަށް ވޯލްޑް ކަޕާއެކު ހަމަވާނެ އެވެ. މި ކޮންޓްރެކްޓް އާކުރުމާއި ނުކުރުން ބިނާވާނީ މުބާރާތުގައި ޕޯޗުގަލް ހޯދާ ނަތީޖާ އަކަށެވެ.