ޚަބަރު

ބުރު އަތުން މާޒިޔާ އަށް ހަނިމޮޅެއް


  • []

ޕްރެޒިޑެންޓްސް ކަޕް 2026 ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ފުރަތަމަ މެޗު ބުރު ސްޕޯޓްސް ކުލަބު އަތުން ހަނި މޮޅެއް ހޯދައިފިއެވެ. ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު ޝަރަފްވެރިކޮއްދެއްވި މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.

މުބާރާތުގެ ގުރޫޕް އޭގައި މި ދެޓީމުގެ އިތުރުން ދެން ހިމެނެނީ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.

ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގަ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން ވަނީ ފުރަތަމަ ހާފުގައި ޑޮމިނޭޓްކޮއްގެން ކުޅެފައެވެ. ދެޓީމުން ވެސް ލަނޑުޖަހަން މުޅި މެޗުގައި ވެސް މާގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.

މާޒިޔާގެ ހަމަ އެކަނި ލަނޑަކީ 15 ވަނަ މިނިޓުގައި އަހުމަދު އައިހަމް ނަގައިދިން ކޯނަރެއްގައި އަޒަރުބައިޖާންގެ ޑިފެންޑަރ ނާޒިމް މަމަދުޒާދާ ބޮލުން ގޯލަށް ވައްދާލި ބޯޅައެކެވެ. މެޗުގެ 27 ވަނަ މިނިޓުގައި ބުރުގެ މުހައްމަދު ނާއިމް އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ދިއައީ އަރިމަތިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނިޓުގައި މާޒިޔާގެ ސްޕެއިން ފޯވާޑް ސާޖިއޯ މެންޑީ އޭރިއާ ބޭރުން ފޮނުވާލުމުން ކީޕަރު މަތަ ކުރި ބޯޅަ މެންޑީ ދެވަނަ ފަހަރަށް ފޮނުވާލުމުން ވަނީ ގޯލާ އަމާޒުނުވެފައެވެ.

ބުރުގެ ފަހަތުގައި ތިބި ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މާޒިޔާގެ މުހައްމަދު އިލާން އިމްރާން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިއައީ ބޭރަށެވެ.

މި ގުރޫޕގައި މާޒިޔާ އަންނަ ހޯމަ ދުވަހު ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ.