ޚަބަރު

އީސީގެ މެންބަރުކަމަށް ރިފްޢަތު އައްޔަންކުރައްވަން ނަން ފޮނުއްވައިފި


  • ރިފްޢަތަކީ އީސީގައި ކުރީގެ ވަކީލުކަން ކުރެއްވި ބޭފުޅެއް

  • ކޮމިޝަންގައި ތިއްބަވަނީ 5 މެންބަރުން

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް އައްޔަނުކުރެއްވުމަށް އެކޮމިޝަންގެ ކުރީގެ ލީގަލް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ އަލްއުސްތާޛު ރިފްއަތު ޢަބްދުﷲގެ ނަން މަޖިލީހަށް ފޮނުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޑރ. މުޙައްމަދު ޒާހިދުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ.

މިމުއްދަތުގައި ނަން ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވެވީ އަލްއުސްތާޛު ރިފްއަތު ޢަބްދުﷲގެ ނަންފުޅެވެ. ދެން ކުރިމަތިލެއްވި ބޭފުޅުން ހިމެނޭހެން، ނަން ދިރާސާ ކުރެއްވުމަށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

ރިފްއަތު މިވަގުތު ހުންނެވީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގައެވެ.

އިލެކްޝަން ކޮމިޝަންގައި ތިއްބަވަނީ 5 މެންބަރުންނެވެ. އެގޮތުން މިވަގުތު ކޮމިޝަންގައި ތިއްބެވީ ރައީސް މުޙައްމަދު ޒާހިދު، ނައިބު ރައީސް އަބްދުއްރަޙްމާން ޞަލާހު ރަޝީދު، މެންބަރު މުޙައްމަދު ޒާހިރު، މެންބަރު ޙަސަން ޒަކަރިއްޔާ އަދި މެންބަރު ޢަބްދުލް ހަސީބް އިސްމާޢީލް އެވެ.