ޚަބަރު

އަލް ހިލާލާއި ޝަބާބް އަލް އަހްލީގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް


  • އަލް ހިލާލަށް މިފަހުން ބަދަލުވި ނަމަވެސް، އޭއެފްސީ ޗެމްޕިއަންސް ލީގުގައި ބެންޒެމާއަށް ނުކުޅެވޭނެ

  • މެޗު އެއްވަރުވީ 0-0 އިން

  • ޔޫރަޕުގެ ތަޖުރިބާހުރި ކުޅުންތެރިންނާއެކު ވެސް ހިލާލަށް އެދެވޭ ކުޅުމެއް ނުދެއްކުނު

އޭއެފްސީ ޗެމްޕިއަންސް ލީގުގައި ސައުދީ އަރަބިއްޔާގެ އަލް ހިލާލާއި ދުބާއީގެ ޝަބާބް އަލް އަހްލީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އަލް ހިލާލަކީ ޔޫރަޕުގައި ކުޅެފައިވާ ފުޓުބޯޅައިގެ ވަރުގަދަ ނަންތަކެއް އެ ޓީމުގައި ހިމެނޭ ޓީމެކެވެ. އެގޮތުން ޑާވިން ނުނޭޒްއާއި ތިއޯ ހެރްނާންޑޭޒް، މި މެޗުގައި ވެސް ކުޅެފައިވެއެވެ. މީގެއިތުރުން ބެލަންޑޯ އެވޯޑް ހާސިލްކޮށްފައިވާ ކަރިމް ބެންޒެމާ ވެސް މިފަހުން ވަނީ އަލް ހިލާލަށް ބަދަލުވެފައެވެ.

އެހެންނަމަވެސް، މީގެކުރިން އަލް އިއްތިހާދާއެކު އޭއެފްސީ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ހަތަރު މެޗު އޭނާ ކުޅެފައި ވުމުން، މި ސީޒަނުގައި އޭނާއަށް އެ މުބާރާތުގައި އަލް ހިލާލްގެ ޖާޒީގައި ނުކުޅެވޭނެއެވެ.

ދުބާއީގެ އަލް ރާޝިދު ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި، 0-0 އިން އެއްވަރުވެގެންނެވެ. އަލް ހިލާލް އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި ދެ ޓީމުން ވެސް ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ހިލާލުން މެޗުގައި 11 ހަމަލާއެއް އުފެއްދިއިރު، އަލް އަހްލީ އިން ވަނީ 10 ހަމަލާއެއް އުފައްދާފައެވެ.

މެޗުގައި ދެ ޓީމަށް ވެސް ދިމާވި އެންމެބޮޑު މައްސަލައަކަށްވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި ދެ ޓީމަށް ވެސް މެޗުގައި އިދިކޮޅު ޓީމުގެ ގޯލާ އަމާޒުވާގޮތަށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އެގޮތުން އަލް ހިލާލަށް މެޗުގައި ގޯލާ އަމާޒުވާގޮތަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ޝަބާބް އަލް އަހްލީއަށް ފޮނުވާލެވުނީ ދެ ހަމަލާއެކެވެ.

އަލް ހިލާލަށް ލީގު ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު، މި މެޗުން އެއްވަރުވުމާއެކު ނަގާލާފައިވާއިރު އެ ޓީމު މިވަގުތު އެއްވަނައިގައި އޮތީ ހަތް މެޗުން ހޯދި 19 ޕޮއިންޓާއެކުއެވެ. ހިލާލާ އެންމެ ކައިރިން ތާވަލުގެ ދެވަނައިގައި ސައުދީ އަރަބިއްޔާގެ އަލް އަހްލީ އޮތީ 14 ޕޮއިންޓާއެކުއެވެ.

އަލް ހިލާލާ ކުޅެ އެއްވަރުވި ދުބާއީގެ ޝަބާބް އަލް އަހްލީއަށް ތާވަލުގެ ފަސްވަނަ ލިބެނީ ހަތް މެޗުން 11 ޕޮއިންޓާއެކުއެވެ.