ޑައިމަންޑް ޖުބުލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ފަހު ވަގުތު އަހުމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލުން ލަނޑުޖަހައި ފައިނަލަށް ދިއުމުގެ އުއްމީދު އާކޮއްފިއެވެ. ވިލާ އިންޓަރނޭޝެނަލް ސުކުލާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އެއްވަރުވެގެންނެވެ.
މި ނަތީޖާ އެކު އަހުމަދިއްޔާ އޮތީ ދެމެޗުން 4 ޕޮއިންޓް ހޯދާ ތާވަލުގެ އެއްވަނައިގައެވެ. ހަތަރު ޓީމު ހިމެނޭ ގުރޫޕުގެ ތިންވަނައިގަ ވިލާ އޮތީ އެންމެ ޕޮއިންޓަކާ އެކުއެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ވިލާ ޓީމުން ވަނީ ގަނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާ އުފައްދާފައެވެ. އަހުމަދިއްޔާ ޓީމު ބޮޑަށް މެޗުގައި ފެނިގެންދިއައީ ދިފާއީ ކުޅުމެއް ކުޅުނު ތަނެވެ.
މެޗުގެ ފުރަތަމަ ނުރައްކާތި ހަމަލާ އުފައްދީ ވިލާ ޓީމުންނެވެ. އަހުމަދު ލައިތު އައްބާސް އޭރިއާތެރެއަށް ފޮނުވާލި ބޯޅަ ދިއައީ ގޯލުގެ އަރިމަތިންނެވެ. މި ހަމަލާއަށް ފަހު ވިލާގެ ރާއިން ހާޝިމް އާއި މުހައްމަދު ޒީކް އަހުމަދު އަށް ލަނޑުޖަހަން ރަނގަޅު ފުރރުސަތެއް ވަނީ ލިބިފައެވެ.
ވިލާއިން ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނިޓުގައި އޭރިއާ ބޭރުން ލައިތުއަށް ލިބުނު ބޯޅައެއް ހުސްވެލާފަ އޭރިއާ ތެރެއަށް ވަދެ ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.
މެޗުގެ 52 ވަނަ މިނިޓުގައި ވިލާގެ މުހައްމަދު ރުހައިމް ނާޝިދު އޭރިއާ ތެރެއިން ކީޕަރު ގައިން ނައްޓާލާފަ ފޮނުވާލި ބޯޅަ އޭރިއާ ތެރެއިން މުހައްމަދު ޔުހާން ފާއިޒް ގޯލަށް ފޮނުވާލުން ބޯޅަ ދިފާއުކުރީ އަހުމަދިއްޔާގެ ޑިފެންޑަރ އިބްރާހިމް އަވްސަމް އަބްދުﷲއެވެ.
މެޗުގެ ފަހު ކޮޅު ވިލާ ޓީމަށް ވަނީ އިތުރު ލަނޑެއް ކާމިޔާބުކުރަށް ގިނަ ފުރުސަތު ތަކެއް ލިބިފައެވެ. ރާއިން ހާޝިމް އާއި އަހުމަދު އައިހަމް އިބްރާހިމް ފޮނުވާލި ހަމަލާ ވަނީ ގޯލާ ސީދާވާގޮތް ނުވެފައެވެ.
މެޗުގެ އިތުރުވަގުތުގެ ތެރޭގައި އަހުމަދިއްޔާ ޓީމުން ވަނީ ކުރިއަށް ޖެހި ލަނޑެއް ޖަހަން މަސައްކަތް ކޮއްފައެވެ. އެގޮތުން ލިބުނު ޖެހުމެއް އޭރިއާ ތެރެއަށް ފޮނުވާލިމުން ވިލާގެ ޑިފެންޑަރުން ދިފާއުކުރުމަށް ފޮނުވާލި ބޯޅަ އައިސަމް ލިބުމުން ހަނި އޭންގަލަކުން އޭނާ ވަނީ ލަނޑުޖަހާފައެވެ. އައިސަމް މި ލަނޑު ކާމިޔާބު ކުރީ އިތުރު ވަގުތުގެ އެންމެ މިނިޓުގައެވެ.