ޚަބަރު

ބްރޫނޯގެ ޖާދުލާއެކު ޔުނައިޓެޑްގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް


  • މެޗުން ޔުނައިޓެޑް މޮޅުވީ 0-2 ގެ ނަތީޖާއަކުން

  • އެ ޓީމު ވަނީ ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެފައި

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗަސްޓަރ ޔުނައިޓެޑުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާއަށް ބޮޅެއް އިތުރުކޮށްފިއެވެ.

އިއްޔެ ހަވީރު އަމިއްލަ ދަނޑު، އޯލްޑް ޓްރެފޯޑުގައި ކުޅެ ޔުނައިޓެޑުން ޓޮޓްނަމް ހޮޓްސްޕަރގެ މައްޗަށް 0-2 އިން ކުރިހޯދިއިރު، މި މެޗުގެ ކުރިން ލީގުގައި އެންމެފަހުން އެ ޓީމުން ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފައެވެ.

ޓޮޓްނަމްއާ ދެކޮޅަށް ވެސް ޔުނައިޓެޑުގެ ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ ޕޯޗުގަލް ތަރި، ބްރޫނޯ ފެރްނާންޑޭޒްގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.
މެޗުގައި ދެ ޓީމުން ވެސް ދާދި ހަމަހަމަ ކުޅުމެއް ދައްކަމުން ދަނިކޮށް، މެޗުގެ އޮއެވަރު ބަދަލުވީ 29 ވަނަ މިނެޓުގައި ޓޮޓްނަމްގެ ކްރިސްޓިއަން ރޮމޭރޯ އަށް ދެއްކި ރަތްކާޑާ އެކުއެވެ.

މިއީ ޔުނައިޓެޑުގެ ބްރެޒިލް މިޑްފީލްޑަރު، ކަސެމީރޯއަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ދެއްކި ކާޑެކެވެ. މެޗުގައި ޔުނައިޓެޑުގެ ފުރަތަމަ ލަނޑު، 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބުއެމޯއެވެ.

އަދި މެޗުން އެ ޓީމަށް ތިން ޕޮއިންޓު ޔަގީންކޮށްދިން ލަނޑު، 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރޫނޯ ފެރްނާންޑޭޒްއެވެ. ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެ ރަނގަޅު ފޯމެއްގައި އޮތް ޔުނައިޓެޑަށް މިހާތަނަށް ކުޅުނު 25 މެޗުން 44 ޕޮއިންޓު ލިބިފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.

މެޗުން ބަލިވި ޓޮޓްނަމް އޮތީ 14 ވަނައިގައި 25 މެޗުން 29 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑްގެ މަތިން، ތާވަލުގެ ތިންވަނައިގައި އޮތް އެސްޓަން ވިލާއަށް 25 މެޗުން 47 ޕޮއިންޓު ލިބިފައިވެއެވެ.