އިޓާލިއަން ލީގުގައި ޖެނޯއާ އަތުން ނަޕޯލީ އިން އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ރަށުން ބޭރުގައި ކުޅެ ނަޕޯލީ އިން މި މެޗު ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ޖެނޯއާއިންނެވެ.
މިއީ ލިބުނު ޕެނަލްޓީއެއްގައި މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ރުސްލާން މަލިނޮވްސްކީ ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭގެ 17 މިނެޓުފަހުން ނަޕޯލީން ވަނީ، ރަސްމުސް ހޮއިލުންޑެވެ. އޭގެ ދެ މިނެޓުފަހުން ސްކޮޓް މިކްޓޮމިނޭ ވަނީ ނަޕޯލީއަށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑުނަގައިދީފައެވެ.
ދެވަނަ ހާފު ފަށަައިގެން 12 މިނެޓުގެ ތެރޭގައި ޖެނޯއާއިން އިތުރު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލޮރެންޒޯ ކޮލޮމްބޯއެވެ. މެޗުން ނަޕޯލީ މޮޅުވި ލަނޑު، މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި ޖަހައިދިނީ ހޮއިލުންޑެވެ. މިއީ ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގައި ނަޕޯލީގެ ހުއާން ޖެސޫސްއަށް ވަނީ 76 ވަނަ މިނެޓުގައި ރަތްކާޑެއް ވެސް ދައްކާފައެވެ.
މި މޮޅާއެކު 24 މެޗުން 49 ޕޮއިންޓާއެކު ނަޕޯލީ މިވަގުތު އޮތީ އިޓާލިއަން ލީގުގެ ތިންވަނައިގައެވެ. ދެވަނައިގައި އޮތް މިލާނާއި އެއްވަނައިގައި އޮތް އިންޓާ ވެސް 23 މެޗު ކުޅެފައިވާއިރު މިލާނަށް 50 ޕޮއިންޓު އަދި އިންޓާ އަށް 55 ޕޮއިންޓު ލިބިފައިވެއެވެ.
މެޗުން ބަލިވި ޖެނޯއާ އޮތީ 14 ވަނައިގައި 24 މެޗުން 23 ޕޮއިންޓާއެކުއެވެ.