ޚަބަރު

ޕާމާގެ ހެޓްރިކުން ޗެލްސީ މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވޮލްވްސް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި ކޯލް ޕާމާ ހެދި ހެޓްރިކާއެކު 3-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެ އެވެ.

ރެލިގޭޝަނުގެ ޒޯނުގައި އޮތް ވޮލްވްސްގެ މޮލިނެކްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޗެލްސީ އިން ކުރި ހޯދާފައިވަނީ މެޗުގެ 13 ވަނަ މިނިޓުގައި ޖޮއައޯ ޕެޑްރޯ އަށް ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ޗެލްސީ އަށް ކާމިޔާބުކޮށްދީފައިވަނީ ކޯލް ޕާމާ އެވެ.

ޗެލްސީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީވެސް މެޗުގެ 35 ވަނަ މިނިޓުގައި ޖޮއައޯ ޕެޑްރޯ އަށް އޭރިޔާ ތެރެއިން ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކޯލް ޕާމާ ކާމިޔާބުކޮށްދީފައިވަނީ ލަނޑެކެވެ.

އަދި އޭގެ ތިން މިނިޓު ފަހުން މެޗުގެ 38 ވަނަ މިނިޓުގައި މާކް ކުކުރެލާ އަރިމަތިން ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކޯލް ޕާމާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން މި ސީޒަނުގައި ގިނަ މެޗުތަކެއް ގެއްލިފައިވާ ކޯލް ޕާމާ އަށް ލީގުގައި ޖެހިފައިވަނީ އެންމެ ހަތަރު ގޯލެވެ.

މި ނަތީޖާ އާއިއެކު ޗެލްސީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 25 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. ވޮލްވްސް އަށް 25 މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފުލުގަ އެވެ.

ޗެލްސީގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ލިއާމް ރޮޒޭނިއާގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ވަނީ މޮޅުވެފަ އެވެ.