ޤަޠަރުގެ ދައުޙާގައި ކުރިއަށްދާ 17ވަނަ އަލް ޖަޒީރާ ފޯރަމްގައި ޤައުމުތަކުގެ
ވެރިން އެންމެ ބޮޑަށް ފާހަގަ ކުރަމުން ދަނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން އެ ސަހަރަށް ދެމުންދިޔަ އަދި ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ވާހަކައެވެ. ޔަހޫދީންގެ ޢުދުވާނުގެ ސަބަބުން މުޅި މެދުއިރުމައްޗަށާއި ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި ވެސް އެ ސަރަޙައްދުތަކުގެ ސިޔާސީ މަޝްރަހަށާއި ސަލާމަތަށް ކޮށްފައިވާ އަސަރުތަކުގެ ވާހަކައެވެ.
ޤައުމުތަކުގެ އިސްވެރިން ފާހަގަކުރެއްވި ގޮތުގައި ޣައްޒާ ޢުދުވާނަކީ ބައިނަލްއަޤްވާމީ ޤާނޫނުތައް ފުނޑުފުނޑުވުން އަވަސްކޮށްދޭ ވަސީލަތެކެވެ. އޭގެ ސަބަބުން ސަރަޙައްދީ ނުފޫޒާއި ބާރު އޮންނަ ޤައުމުތަކަށް ވެސް ބަދަލުތައް އަަންނަމުންދާ ކަމަށް އެ ބޭފުޅުން ފާހަގަކުރައްވައެވެ. ނަމަވެސް އެ ޢުދުވާނުގެ ސަބަބުން ފަލަސްޠީނުގެ މައްސަލަ އަނެއްކާ ވެސް ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެއެވެ.
އެމެރިކާއާއެކު ޢުމާންގައި ބޭއްވި މަޝްވަރާތައް ނިންމަވައިލެއްވުމަށް ފަހު ދައުޙާއަށް ދަތުރުކުރައްވައި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި އީރާނުގެ ޚާރިޖީ ވަޒީރު، ޢައްބާސް ޢަރާޤްޗީ ވިދާޅުވީ މެދުއިރުމަތީގެ ކުރިމަގު ބައްޓަން ކުރާނެ މައިގަނޑު މައްސަލައަކީ ފަލަސްޠީނުގެ މައްސަލަ ކަމަށެވެ. އޭނާ ވަނީ ޣައްޒާގައި ޔަހޫދީން ކުރަމުންދާ ހަނގުރާމައާއި ޔަހޫދީންގެ ޢަމަލުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމު ބަލިކަށިވެފައިވާ ކަަމަށް ފާހަގަކުރައްވައިފައެވެ.
ޢަރާޤްޗީ އިތުރަށް ވިދާޅުވީ ފަލަސްޠީނުގެ މައްސަލައަލީ ހުޅަނގު އޭޝިޔާއާއި އެ ނޫން ވެސް ސަރަޙައްދުތަކުގައި އިންސާފު ޤާއިމްކުރުމާ ގުޅިލާމެހިފައިވާ މައްސަލައެއް ކަމަށެވެ. އަދި މުޅި ސަރަޙައްދުގެ ކަންކަން ބައްޓަންކުރުމުގައި މަގުދައްކައިދޭ ބައްތި އަކީ ފަލަސްޠީނުގެ މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި ޢަރާޤްޗީ ވިދާޅުވީ ޣައްޒާގެ މައްސަލައަކީ ހަމައެކަނި ހަނގުރާމައެއް ނޫން ކަމަށާއި އެއީ ގަސްތުގައި ޣައްޒާގެ ރައްޔިތުން މި ބިން މަތިން ފުހެލުމަށް ރާވައިގެން އަދި ފުޅާ ދާއިރާއެއްގައި ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކެއް ކަމަށެވެ. ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން މުޅި އިންސާނިއްޔަތަށް ސިހުން ގެނުވާފައިވާ ކަމަށާއި، ކުށެއް ނެތް ބަޔަކު ކަތިލުން ހުއްޓުވުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ވެސް ނުކުޅެދިފައިވާ ކަން އޭގެ ސަބަބުން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢަރާޤްޗީ ވިދާޅުވީ ޔަހޫދީންގެ ޖަރީމާތަކަށް އަދަބު ނުދެވޭ ނަމަ، ބައިނަލްއަޤްވާމީ ގުޅުންތަކުގެ އަސާސްކަމުގައި ޤާނޫނު އޮންނަ އޮތުން ގެއްލި، އެ މަޤާމު ގަދަބާރު ބޭނުން ކުރުމަށް ލިބިގެންދާނެ ކަމަށެވެ. ޔަހޫދީންގެ ސިޔާސަތުތަކަކީ މުޅި މެދުއިރުމައްޗަށް އަމާޒުކޮށްގެން ތަންފީޒުކުރާ ސިޔާސަތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ މަޤްސަދަކީ އަވަށްޓެރި ޤައުމުތައް ބަލިކަށިކުރުމާއި މުޅި ސަރަޙައްދުގައި ދާއިމީ ގޮތަކަށް ބޭއިންސާފު ޤާއިމްކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
2025ވަނަ އަހަރު ޔަހޫދީން ހަ ޤައުމަކަށް ޙަމަލާ ދީފައިވެއެވެ. އެއީ ފަލަސްޠީނާއި ލުބުނާނާއި ސޫރިޔާއާއި ޔަމަނާއި ޤަޠަރާއި އީރާނަށެވެ. އޭގެ އިތުރުން އެހީ ފޯރުކޮށްދޭ ފްލޮޓިއްލާތައް ތޫނިސްތާއި މޮލްޓީސްއާއި ގްރީކުގެ ކަނޑުގެ ސަަރަޙައްދުގައި ޙަރަކާތްތެރިވަމުން ދަނިކޮށް ވެސް ޙަމަލަތައް ދީފައިވެއެވެ.
ޢަރާޤްޗީ ވަނީ ޔަހޫދީންނާ ދެކޮޅަށް ޚާއްޞަ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވައިފައެވެ. އަދި ޔަހޫދީންނަށް ހަތިޔާރު ވިއްކުން ހުއްޓައިލުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ޔަހޫދީން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް ޢަރާޤްޗީ ގޮވާލައްވާފައިވެއެވެ.
އަލްޖަޒީރާ މީޑިޔާ ނެޓްވޯކުގެ ބޯޑުގެ މުޤައްރިރު، ޝައިޚް ހަމަދު ބިން ޘާމިރު ބިން މުޙައްމަދު އައް ޘާނީ ވިދާޅުވީ ޔަހޫދީން ޣައްޒާއަށް ދޭ ޢުދުވާނީ ޙަމަލާތަކަކީ ފަލަސްޠީނުގެ މައްސަލައިގައި ކުރިމަތިވި މުހިންމު ހާދިޘާއެއް ކަމަށެވެ. އޭނާ ވިދާޅުވީ ޔަހޫދީން މަސައްކަތް
ކުރަމުން ދަނީ ދާއިމީ ގޮތަކަށް ހަޤީޤަތް ބަދަލުކޮށް، ޔަހޫދީންނަށް މޮޅުވާ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ކަމަށެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމް ވިޔަ ނުދިނުމަށް ޔަހޫދީން މަސައްކަތް ކުރަނީ ފަލަސްޠީނުގެ ރައްޔިތުން އަމިއްލަ ވަޒަނުން ފައްސާލައި، ފަލަސްޠީނުގެ ބިންތައް އިސްތިއުމާރުކޮށްގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަނގުރާމައިގެ ދުވަސްވަރު ނޫސްވެރިން ވެފައިވާ ޤުރުބާނީ ފާހަގަކުރައްވައި އައްޘާނީ ވިދާޅުވީ ޔަހޫދީން ނޫސްވެރިންނަށް އަމާޒުކޮށް ޙަމަލާ ދެނީ އެ މީހުން ކަން ހިންގާ ގޮތުގެ ހަޤީޤަތް ދުނިޔެއަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާތީ ކަމަށެވެ. ހަނގުރާމައިގެ ޚަބަރުތައް ގެނެސްދިނުމުގައި އަލް ޖަޒީރާއިން ވެސް ވާން ޖެހުނީ ނުހަނު ބޮޑު ގުރުބާނީއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަލް ޖަޒީރާއަށް ބޮޑެތި ނުރައްކާތައް ކުރިމަތިވަމުންދާ ނަމަވެސް ދުނިޔެއަށް ހަޤީޤަތް ހާމަކޮށްދިނުމުގައި އެ ނޫހުން ދެމި އޮންނާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ފޯރަމްގައި ވާހަކަދައްކަވަމުން ސޮމާލިޔާގެ ރައީސް ޙަސަން ޝައިޚް މަޙްމޫދު ވިދާޅުވީ ޣައްޒާ ހަނގުރާމައާއި ރަތް ކަނޑުގައި އުފެދެމުންދާ ނުތަނަވަސްކަމުން ވެސް ދައްކުވައިދެނީ ބައިނަލްއަޤްވާމީ ނިޒާމު ފޭލުވަމުންދާ މަންޒަރު ކަމަށެވެ. ފަލަސްޠީނަށް ކުރިމަތިވެފައިވާ މައްސަލައަކީ ދުނިޔޭގެ ތާރީޚުގައި ހިނގާ އެންމެ މަތީ ދަރަޖައިގެ ބޭއިންސާފާއި ޖައްބާރުވަންތަކަމުގެ މިސާލެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮތުމުގެ ސިޔާސަތުގެ ދަށުން ފަލަސްޠީނުގެ މައްސަލައަށް ދާއިމީ އަދި އިންސާފުވެރި ޙައްލެއް ނުހޯދިއްޖެ ނަމަ، މުޅި ސަރަޙައްދާއި ދުނިޔެއަށް ވެސް ހަމަނުޖެހުމާއި ނުތަނަވަސްކަން ފެތުރިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޙްމޫދު ވެސް ވިދާޅުވީ ޣައްޒާ ހަނގުރާމައަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްގެ މިންވަރެއް ކަމަށެވެ. ޤާނޫނުތަކާއި ޤަވާއިދުތަކާއި އިދާރާތައް ބަލިކަށިވަމުންދާ ކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ ބައިނަލްއަޤްވާމީ ތަރުތީބެއް މިހާރު ނޯންނަ ކަމަށާއި، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އުފައްދާފައިވާ އިދާރާތަކަށް ހިޔަނި އެޅިފައިވާ ކަމަށެވެ. ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން ޢަމަލުކުރަމުންދަނީ ބާރުގަދަކަން ދެއްކުމުން ކަންކަން ޙައްލު ކުރެވިދާނެޔޭ ހީވާ ފަދަ ގޮތަކަށް ކަމަށާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބެލުމެއް ނެތް ކަމަށެވެ. ހަމައެއާއެކު ސޮމާލިޔާގެ އިސްތިގުލާލަށް ނުރައްކާވާ ގޮތަށް ޔަހޫދީން ޢަމަލުކުރުމުގެ ސަބަބުން ވިޔަފާރި މަގުތަކަށް ވެސް ނުރައްކާވެފައިވާ ކަމަށާއި އެފްރިކާގެ ސަލާމަތަށް ވެސް ނުރައްކާ ވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޙްމޫދު ވަނީ ވަކިވެގަނެފައިވާ ސޮމާލީލޭންޑު ބަލައިގަތުމަށް ޔަހޫދީން ނިންމި ނިންމުމަށް ފާޑުވިދާޅުވެ، އެއީ ޒިންމާދާރުކަން ކުޑަ، ގޯސް ނިންމުމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި އެ ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޔަހޫދީންގެ ނިންމުމުގެ ސަބަބުން ހަމަޖެހުމާއި ސަލާމަތާއި ވިޔަފާރިއަށް ނުރައްކާވާ ކަމަށާއި، އެފްރިކާއާއި ރަތް ކަނޑާއި ދުނިޔެއަށް ވެސް އޭގެ އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތުރުކީވިލާތުގެ ޑައިރެކްޓޮރޭޓު އޮފް ކޮމިއުނިކޭޝަންސް، ބުރްހާނަތިން ދުރާން ވިދާޅުވީ ބައިނަލްއަްޤްވާމީ ސިޔާސީ މައިދާނަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ކަން ޣައްޒާ ހަނގުރާމައިން ހާމަވާ ކަމަށެވެ. އޭނާ ވަނީ ބައިނަލްއަޤްވާމީ އިދާރާތަކުގެ ބާރު ކެނޑުމުގެ ސަބަބުން އެއްވެސް ޒިންމާއެއް އުފުލަން ނުޖެހި ފާޅުގައި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔެ މިހާރު އެއްކޮށް ބަދަލުވެފައިވާ ކަމަށާއި، މިހާރުގެ ޙަލަތަކީ އޭގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ކަން އެންމެ ބޮޑަށް ހާމަވަނީ ޣައްޒާ ޢުދުވާނުން ކަމަަށް ފާހަގަކުރައްވައި ދުރާން ވިދާޅުވީ ޣައްޒާގެ ޙާލަތަކީ މިއަދު އާދަޔާ ޚިލާފު ޙާލަތެއް ނޫން ކަމަށާއި އެ ޙާލަތަށް މިހާރު ދުނިޔެ ހޭނިފައިވާ ކަމަށެވެ. މި ފަދަ ޙާލަތްތައް ކުރިމަތިވުން ހުއްޓުވުމުގެ ޒިންމާ ބޮލުއަޅައިގެން ތިބި އިދާރާތައް ވެސް އެ ކަމަށް ފާޅުގައި އަދި ތަކުރާރުކޮށް ނުކުޅެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުރާން އިތުރަށް ވިދާޅުވީ ޒަމާނީ ހަނގުރާމަތަކަކީ ހަމައެކަނި ހަނގުރާމައިގެ މައިދާނުގައި ޖިސްމާނީ ގޮތުން ކުރާ ހަނގުރާމައެއް ނޫން ކަމަށެވެ. މީޑިޔާއާއި ޑިޖިޓަލް މަންސަތަކާއި ތަފާތު ގޮތްގޮތަށް ވާހަކަތައް އަނބުރައިލުމަކީ ޒަމާނީ ހަނގުރާމަތަކުގައި ބޭނުންކުރާ ހަތިޔާރެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މީހުންގެ ވިސްނުމާއި ފިކުރާއި ޚިޔާލާއި ހަނދާންތަކަށް ބާރުފޯރުވާ ހަތިޔާރުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ދުރާން ވިދާޅުވީ ބައިނަލްއަޤްވާމީ ނިޒާމު ހިންގަން ޖެހޭނީ އާރާއިބާރުގެ ބޭނުންކޮށްގެން ނޫން ކަމަށާއި، އޭގެ ބަދަލުގައި އިންސާފަށް އިސްކަން ދޭން ޖެހޭ ކަމަށެވެ. ހަމައެކަނި ބާރުގެ ބޭނުންކޮށްގެން ދާއިމީ ސިފައެއްގައި ޞުލްޙަ ޤާއިމް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ތުރުކީވިލާތަކީ ހަރުދަނާ ޚާރިޖީ ސިޔާސަތެެއް ފަރިތަކުރާ ޤައުމެއް ކަމަށް ފާހަގަކުރައްވައި ދުރާން ވިދާޅުވީ ސަރަޙައްދީ މައްސަލަތަކަށް ސަރަޙައްދީ ޙައްލެއް ހޯދުމަށް ތުރުކީވިލާތުން އިސްކަންދޭ ކަމަށެވެ. އަދި ތަފާތު ގިނަ މައްސަލަތައް ޙައްލުކުރުމުގައި ތުރުކީވިލާތުން މެދުވެރިއެއްގެ ދައުރު ޢަދާކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޣައްޒާއާ ގުޅޭގޮތުން ދުރާން ވިދާޅުވީ ޣައްޒާ އެއްކޮށް ސުންނާފަތިވެ އެ ސަހަރަށް ނުރައްކާތެރި އިންސާނީ ޙާލަތެއް ކުރިމަތިވެފައިވާ ކަމަށެވެ. އެތައް ބަޔަކަށް ނަފްސާނީ ގޮތުން ބޮޑެތި އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށާއި، ނަސްލުހޭދު ކުރުމުގެ މަޤުސަދުގައި ޣައްޒާގެ އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ޣައްޒާ ހަނގުރާމަ ދާއިމީ ނިމުމަކަށް ގެނަސް، ޣައްޒާގެ ރައްޔިތުން ގަދަބާރުން ވަޒަނުން ބޭރު ކުރުވުން ހުއްޓުވުމަށް ސަރަޙައްދީ ބާރުތަކަށް ގޮވާލައްވައިފައެވެ.