މާލޭގެ ބާޒާރުމަތީ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ހަފުތާތެރޭގައި ފަށާނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މަޝްރޫޢުގެ ކޮންޓްރެއްކްޓަރ އެމްޓީސީސީން ވިދާޅުވީ، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ތާވަލާއި އެއްގޮތަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
މިހާރު މަގުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، 'އޭ.ބީ.ސީ' ފަށަލަ އެޅުމާއި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާތެރޭ ފަށާނެ ކަމަށެވެ. މީގެ އިތުރުން، މަގުބައްތި ޖެހުމާއި، މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްތައް ވެސް މި ހަފުތާތެރޭ ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
We have commenced sub-base works for Phase 2 of the Malé North Side Boduthakurufaanu Road Development Project.
— MTCC Plc (@MTCCPlc) February 7, 2026
ABC laying and asphalt works are scheduled for this week, alongside other ongoing activities planned for completion, including harbour-side trench works, and the… pic.twitter.com/dKhrO55G1X
އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި، ޝީޓް ޕައިލް ކުރުމާއި، ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ. އަދި ކޭބަލް ޖަންކްޝަންތަކުގެ އިތުރުން ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އެމްޓީސީސީން ވިދާޅުވީ ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. މި މަސައްކަތް ނިމުމުން މި ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މި މަޝްރޫޢު ނިމުމުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.