އައްޑޫ ސިޓީގެ ޞިއްޙީ ނިޒާމު ފުޅާވެ މި ދައުރުގެ ތެރޭގައި އިންގިލާބީ ބޮޑު ބަދަލެއް އަންނާނެކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އައްޑޫގައި ޤާއިމުކުރި އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެއެވެ.
ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރަދަނާވަމުން އަންނަ ގޮތް ވަރަށް ސާފުކޮށް ފެންނަމުން ދާކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގެ ޞިއްޙީ ނިޒާމަށް އަންނަ ބަދަލުތައް އަތޮޅު ތެރޭގެ ސިއްހީ ނިޒާމަށް އަންނަމުންދާކަމީ މިކަމުގެ ހެއްކެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ މި މަސައްކަތުގައި އައްޑޫއަށް އިސްކަންދޭކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ޞިއްޙީ ނިޒާމު ފުޅާކުރުމަކީ ސަރުކާރުން ޙާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކަށްވާއިރު ޞިއްޙީ ގޮތުން ރައްޔިތުންނަށް ދަތިވާ ކޮންމެ ކަމެއް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މަސައްކަތްކުރައްވަމުން ކަމަށެވެ. އެހެންނަމަވެސް ޞިއްޙީ ދާއިރާއަށް އަންނަ ކޮންމެ ހެޔޮބަދަލަކީ އިޖުތިމާއީ ގޮތުންނާއި ޤައުމަށް އަންނަ ހެޔޮ ބަދަލެއްކަމަށް ވަޒިރު ވިދާޅުވިއެވެ.
ޞިއްޙީ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ އައްޑޫގެ ޞިއްޙީ ނިޒާމު ގުޅިލާމެހިފައިވާ ނިޒާމެއްގެ ގޮތުގައި ތަރައްޤީކުރުމަށްކަމަށެވެ. އެގޮތުން އައްޑޫގެ އެކި ރަށްރަށުގެ ހެލްތު ސެންޓަރުތައް އަޕްގްރޭޑްކުރުމާއި އިތުރު ގިނަ ހިދުމަތްތަކެއް ޤާއިމުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މަރަދޫ ހެލްތު ސެންޓަރ އަޕްގްރޭޑުކުރުން ވަރަށް އަވަހަށް އަޅުގަނޑުމެން ފަށާނަން. އަޅުގަނޑުމެން އެމްޓީސީސީއާއެކު އެއްބަސްވެފައި އޮތީ އޭގެ ބައެއް ލީގަލް މަސައްކަތްތައް ނިމުމާއެކު އޭގެ އަމަލީ މަސައްކަތް ފެށޭނެ. އައްޑޫ ހުޅުދޫ އައްޑޫ މީދޫގެ ވާހަކަ ވަނީ އަޑުއައްސަވާފައި. މިހާރު އަޅުގަނޑުމެންވާނީ ކުންފުންޏަކާއެކު ވަނީ ކޮންޓްރެކްޓު ހަދާފައި. ޑިޒައިނިން ފޭސްގައި މިއުޅޭނީ. އެތަނުގެ މަސައްކަތް ފެށިގެންދާނެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އެބައޮތް ފޭދޫގެ ސިއްހީ ނިޒާމަށް އިންގިލާމީ ބަދަލެއް ގެނައުމުގެ ވިސްނުންފުޅު. އެ މަސައްކަތް ކަރުދާހައް ތިރިކޮށް ތަރުތީބުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން" ވަޒީރު ވިދާޅުވިއެވެ.
ޞިއްޙީ ވަޒީރު އަބްދުއްﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އައްޑޫގެ ޞިއްޙީ ނިޒާމަށް ސަރުކާރުގެ މި ދައުރުގެ ތެރޭގައި އިންގިލާބީ ބޮޑު ބަދަލެއް އަންނާނެކަމަށެވެ. އައްޑޫގެ ސިއްހީ ނިޒާމުގެ ތެރެއިން ގިނަ ހިދުމަތްތަކެއް ފެށިގެންގޮސް މި 5 އަހަރަކީ އައްޑޫގެ ޞިއްޙީ ނިޒާމުގެ އައު ބާބެއް ފެށިގެންދާނެ 5 އަހަރަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.