ޚަބަރު

ހޫނުމޫސުމުގެ ކުރިން ހަނގުރާމަ ނިންމަން އެމެރިކާއިން ބޭނުންވޭ: ޒެލެންސްކީ


މި އަހަރުގެ ހޫނުމޫސުން އައުމުގެ ކުރިން، ޔޫކްރެއިނާއި ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނާނެ ގޮތެއް ދެ ޤައުމު ގުޅިގެން ހޯދަން އެމެރިކާއިން ބޭނުންވާކަމަށް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް ދިން ބަޔާނެއްގައި ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިނާއި ރަޝިޔާ އާދެމެދު މަޝްވަރާތަކުގެ އައު ބުރެއް އަންނަ ހަފުތާގައި، އެމެރިކާގެ މަޔާމީގައި ބޭއްވުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަމަށާއި، އެކަމަށް ޔޫކްރެއިނުން އެއްބަސްވެފައިވާ ކަމަށެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި، މި އަހަރުގެ ހޫނުމޫސުން ފެށުމުގެ ކުރިން މި ހަނގުރާމަ ނިމުމަކަށް ގެންނަން އެމެރިކާއިން ބޭނުންވާ ކަމަށާއި، އެކަން ޙާޞިލްކުރުމަށް ދެ ޤައުމަށްވެސް އެމެރިކާއިން ބާރުއަޅާނެ ކަމަށެވެ.

މިގޮތުން، އެމެރިކާގެ ކޮންގްރެސްގެ މިޑް ޓާމްގެ އިލެކްޝަނުގެ ކުރިއަށް، އަންނަ ޖޫން މަހާ ހަމައަށް މި ހަނގުރާމަ ނިމުމަކަށް ގެންނަން އެމެރިކާއިން ބޭނުންވާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

2022ވަނަ އަހަރުން ފެށިގެން ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިސްވެ އޮވެ ތިން ޤައުމުގެ މެދުގައި މިދިޔަ ހަފްތާގައި އަބޫ ދާބީގައި ކުރިއަށްދިޔަ މަޝްވަރާތައް މާބޮޑު ކުރިއެރުމެއް ނުލިބި ވަނީ ނިންމާލައިފައެވެ.

އެ ބައްދަލުވުމުގައި، ހަނގުރާމަ ނިމުމަކަށް އައުމަށްފަހު، ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އިޤްތިޞާދު އަލުން އާރާސްތުކުރުމަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނުކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ޔޫކްރެއިންގެ ހަކަތައިގެ ވަޞީލަތްތަކަށް ވަރުގަދަ ޙަމަލާއެއް

ޔޫކްރެއިންގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް، ރަޝިޔާއިން ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައިވާކަމަށް ޒެލެންސްކީ ތުހުމަތުކުރެއްވިއެވެ.

މިގޮތުން، މިއަދުގެ ވަގުތެއްގައި 400 ޑްރޯނާއި 40 މިސައިލް ޙަމަލާ، ޔޫކްރެއިންގެ ހަކަތަ އުފައްދާ ތަފާތު މަރުކަޒުތަކަށް އަމާޒުކޮށްފައިވާކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވިއެވެ.

މަޝްވަރާގެ ރިވެތި އުޞޫލުތައް ދޫކޮށް، ރަޝިޔާއިން ކޮންމެ ދުވަހަކު ޚިޔާރުކުރަނީ އަސްކަރީ ޙަމަލާތައް އަމާޒުކުރުމަށްކަމަށް ވެސް ޒެލެންސްކީ ވިދާޅުވިއެވެ.