ފަސްވަނަ ފަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޝީލްޑް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން އުފުލުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށާއި ދެވަނަ ބުރުން ފެށިގެން ލީގުގެ ހުރިހާ ކުލަބަކުންވެސް ބޮޑު ކުރިއެރުމެއް ހޯދިކަމީ ލިބޭ އުފަލެއް ކަމަށް މާޒިޔާގެ ކޯޗު ލުއިޒްމާ ހެނާންޑޭޒް ބުނެފިއެވެ.
ހެނާޒްޑޭސް ބުނީ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބަކުންވެސް ބޮޑު ކުރިއެރުންތަކެއް ހޯދައިފިކަމަށާއި، އެކެމަށް ހުރިހާ ކުލަބަކަށްވެސް މަރުހަބާކިޔާކަމަށެވެ.
ލީގުގެ ފަހު މެޗު ވާދަވެރި ކުޅުމަކަށް ފަހު 0-1 ގެ ނަތީޖާއަކު އޮޑި ސްޕޯޓްސް ކުލަބު ބަލިކުރި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހެނާންޑޭޒް ބުނީ ލީގު ނިންމާލިއިރު ޤައުމީ ޓީމުގެ ކުޅުންތެރިންވެސް ބޮޑަތި ކުރިއެރުންތަކެއް ހޯދައިފިކަމަށެވެ.
ޤައުމީ ލެވެލްގެ ފުޓުބޯޅައަށް ލީގުން ލިބުނު ކުރިއެރުމަލީ އޭނާއަށް ލިބޭ ނުހަނު ބޮޑު އުފަލެއް ކަމަށް، ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ސްކޮޑެއް ގޮވައިގެން ނިކުމެ ލީގު ކާމިޔާބުކުރި ކޯޗު ބުންޏެވެ.
ލީގުގައި މާޒިޔާއިން ދެއްކި މޮޅުކުޅުމާއި އަދި ޖެހިޖެހިގެން 5 ވަނަ ފަހަރަށް ޝީލްޑް އުފުލާލުމަކީ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން އަދި މެނޭޖްމެންޓުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ކޯޗު ފާހަގަކުރިއެވެ.
ހުރިހާ ކުޅުންތެރިންވެސް ލީގުގައި މޮޅު ކުޅުމެއް ދައްކާ، ފެންވަރު މަތިކޮށްފި ކަމަށާއި، ޓީމުގެ ހުރިހާ ކުޅުންތެރިންގެ މަސައްކަތާމެދުވެސް ފަހުރުވެރިވާކަމަށް ކޯޗު ބުންޏެވެ. މާޒިޔާގެ ކުޅުންތެރިންނާއި ގައުމީ ޓީމުގެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމުގެ ޒިންމާވެސް އެބައޮތް ކަމަށާއި، މަސައްކަތް ކުރާނީ އެއް ދުވަހުން އަނެއް ދުވަހަށް ކުޅުންތެރިންގެ ފެންވަރުމަތިކޮށްދިނުމަށް ކަމަށްވެސް ހެނާންޑޭޒް ފާހަގަކުރިއެވެ.
މާޒިޔާއިން ސީޒަނުގެ ދެން އޮތް ބްރޭކަށްފަހު ކުރިމަތިލާނެ މެޗުތަކަށްވެސް ހުރިހާ ކުޅުންތެރިންނަށްވެސް ކާމިޔާބީއަށް އެދޭކަމަށް ކޯޗު ބުންޏެވެ.