ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހު މެޗުގައިވެސް ފެނިގެން މިދިޔައީ ރާއްޖޭގެ އެންމެ މަތީ ލެވެލްގެ ކުލަބާއިވެސް އޮޑިއަށް ވާދަކުރެވިދާނެކަން ކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗު އަންދްރޭސް ގާސިއާ ބުނެފިއެވެ.
ވަރަށް ވާދަވެރި ކުޅުމަކަށްފަހު ޗެމްޕިއަން މާޒިޔާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް ދެވަނައިގައި އޮވެ ލީގު ނިންމާލުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ގާސިއާ ބުންޏެވެ. އަދި އޭނާގެ ކުލަބުގެ ކުޅުންތެރިން މުޅި ލީގުގައި ދެއްކި ކުޅުމާއި ފަހު މެޗުގައި ދެއްކި ހިއްވަރަށް އޭނާ ތައުރީފުކުރިއެވެ.
މެޗަށް ފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު ބުނީ އޭނާގެ އުންމީދަކީ ކުރިޔަށް އޮތް ތަނުގައިވެސް އޮޑިއަށް ރަނގަޅު ކާމިޔާބީތައް ހޯދައިދިނުން ކަމަށާއި ލީގުގެ ފަހު މެޗުގައިވެސް ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.
ގާސިއާ ބުނީ ފުރަތަމަ ފަރަހަށް ޕްރިމިއާ ލީގަށް ކޮލިފައިވެ މުޅިން އަލަށް ލީގުގައި ވާދަކުރިއިރު ރާއްޖޭގެ އެންމެ މޮޅު ކުލަބާއި ދެކޮޅަށް ކުޅުނު ފަހު މެޗުންވެސް ކުޅުންތެރިން ވަރަށް ބޮޑަށް ހިތްވަރުކުރިތަން ފެނުން ކަމަށާއި ކުލަބުން ކުރި މަސައްކަތާއި މެދު ވަރަށް އުފާވާ ކަމަށެވެ. ކުރިޔަށް ދެން އޮތް ޗެލެންޖަކީ ޕްރެސިޑެންސް ކަޕް ކަމަށް ކޯޗު ފާހަގަ ކުރިއެވެ.
"މި މެޗެއް ނޫން ހަމައެކަނި، ލީގުގައި ގާތްގަނޑަށް 18 މެޗު މިޔައީ. އަހަރެމެންގެ ކުޅުންތެރިން އެ ހުރިހާ މެޗެއްގައިވެސް އޮޑީގެ ކުޅުންތެރިން އެ ދެއްކީ އަހަރުމެންނަށް ވާނެކަން. ދެން އޮތް ޗެލެންޖަކީ ޕްރެސިޑެންސް ކަޕް (ގައުމީ މުބާރާތް) " ކަމަށް ކޯޗު ގާސިއާ ބުންޏެވެ.
އޮޑިން ވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކާ ކުޅުނު 12 މެޗުން މޮޅުވެފައެވެ. އެ ކުލަބުން ލީގު ފެށީވެސް ދެވަނަގައި އޮވެ ލީގު ނިންމާލާނެ ކަމަށް ބުނެއެވެ.
ލީގު ނިންމާލިއިރު ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ތިބީ އަނިޔާގައެވެ. އަދި ޓީމުގެ ވައިސް ކެޕްޓަން ނިހާން (ނިހާޓް) ގެ އަތް ބިންދައިގެން ދިއުމާއި ގުޅިގެން ނުކުޅެވުނުއިރު ލީގުގެ ފަހު ބުރުގެ މެޗުތަކުގައި އޭނާ ނެތްތައް ފޫބައްދައިގެން ކުޅުނު މެޗުތަކުގައިވެސް އޮޑިން ވަނީ ރަނގަޅު ވާދައެއްކޮށްފައެވެ.