ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މެޗަކުން ބަލިނުވެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ލީގުގެ އައްޑަނަ އުފުލާލައިފިއެވެ. މާޒިޔާ ލީގުގެ ފަހު މެޗުން މޮޅުވީ އޮޑި ސްޕޯޓްސް ކުލަބާ ވާދަކޮށް 1-0 ލަނޑުންނެވެ. މިއީ މާޒިޔާ އިން ލީގުގައި ހޯދި 15 މޮޅެވެ.
މާޒިޔާ އިން 48 ޕޮއިންޓާ އެކު އެއް ވަނަ ހޯދިއިރު، ދެ ވަނަ ލިބުނު އޮޑި އަށް ވަނީ 18 މެޗުން 39 ޕޮއިންޓާ އެކު އެވެ. ތިން ވަނަ ހޯދި ނިއު ރޭޑިއަންޓަށް 37 ޕޮއިންޓް ލިބުނުއިރު، ހަތަރެއްގައި ނިންމި ބުރު އަށް 29 ޕޮއިންޓް އަދި ފަސް ވަނައިގައި ނިންމި އީގަލްސް އަށް 23 ޕޮއިންޓް ލިބުނެވެ.
ހަ ވަނަ އަށް ދިޔަ ވިކްޓަރީ އާއި ހަތް ވަނައިގައި ނިންމި ޓީސީ އަށް 21 ޕޮއިންޓް ލިބުނުއިރު، އަށް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ނުވަ ވަނައިގައި އޮތް ވެލެންސިއާގެ 12 ޕޮއިންޓް އެބައޮތެެވެ. އަދި، ފުލަށް ދިޔަ ޔުނައިޓެޑް ވިކްޓަރީ އަށް 11 ޕޮއިންޓް ލިބުނެވެ. ވެލެންސިއާ، ޔޫވީ ވަނީ ރެލިގޭޓް ވެފައެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗު ހަމަ އެކަނި ލަނޑު މާޒިޔާއިން ކާމިޔާބު ކުރީ 14 ވަނަ މިނިޓުގައި އަހުމަދު އައިހަމް އޭރިއާ ތެރެއިން އެޓީމުގެ ސްޕެއިން ފޯވާޑް ސާޖިއޯ މެންޑީއަށް ޖައްސާލުމުން ގޯލަށް ވައްދާލި ބޯޅައިންނެވެ.
މި ލަނޑަށް ފަހު އޮޑިގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް ބޯޅަ ނެތީސް ކުރި ކުށަކަށް ރެފްރީ ވަނީ ސީދާ ރަތްކާޑު ދައްކާ ދަނޑު ފޮނުވާލާފައެވެ. މެޗުގައި ބޮޑުބައެއް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އޮޑިން މާ އެދޭވޭ ހަމަލާއެއް ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގެ 39 ވަނަ މިނިޓުގައި އޮޑީގެ މުހައްމަދު ސާމިރު އޭރިއާ ބޭރުން ފޮނުވާލި ހިލޭ ޖެހުން މާޒިޔާގެ ކީޕަރު ވަނީ ވެއްޓިގެން ދިފާއު ކޮއްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޮޑީގެ ބިދޭސީ ޑިފެންޑަރ އަޓަންޑާ ބޮލުން ފޮނުވާލި ބޯޅަ ދިއައީ ގޯލުގެ އަރިމަތިންނެވެ. ދެވަނަ ހާފުގައި މާޒިޔާގެ މެންޑީއަށް ލަނޑު ޖަހަން ދެތިން ފުރަސަތެއް ލިބިގެން ދިޔައިރު މެޗު ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުފެނިއެވެ.
މާޒިޔާ އިން ޖެހިޖެހިގެން ފަސް ވަނަ ފަަހަރަށް ލީގު ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމުން ލީގު ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. ބާކީ ދެ މެޗު އޮއްވައި، މާޒިޔާ އިން މި ފަހަރު ލީގު ކާމިޔާބުކުރިއިރު، އެ ޓީމުން މި ވަނީ ކްލަބް ތާރީހުގައި ތިން ވަނަ ފަހަރަށް މެޗަކުން ބަލިނުވެ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.