ޚަބަރު

ހުޅުމީދޫ މިފްކޯ ބަނދަރުގެ މަސައްކަތް އޭޕްރީލް މަހަށް ނިންމަނީ


  • މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިންމާލާފައި

އައްޑު އަތޮޅު ހުޅުމީދޫގައި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއިން ބޭނުން ކުރަމުންދާ މިފްކޯ ބަނދަރުގެ ތަރައްޤީކުރުމުގެ މަސައްކަތް އޭޕްރީލް މަހުގެ ނިޔަލަށް ނިމޭނެކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެމަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިންމާލާފައެވެ.

ހުޅުމީދޫ މިފްކޯ ބަނދަރަކީ 2019 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ ބަނދަރުގެ މަސައްކަތަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަނީ، އެ ބަނދަރުގެ ހާލަތު އޮތް ގޮތުން މަސްކިރުވުމުގައާއި، ބަނދަރަށް ބޮޑެތި ބޯޓުތަކަށް ވަދެ އުޅުމުގައި ދަތިވާތީއެވެ.

މި މަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސައިޓް މެނޭޖަރ ޖަވާދު އަލީ ވިދާޅުވީ މި މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ބަނދަރުގެ މަސައްކަތް ނިމޭނެކަމަށް ވިދާޅުވިއެވެ.

"ޕޭމަންޓު އެޅުމުގެ މަސައްކަތް. ޕޭމަންޓާއެއްކޮށް ރޭމްޕު އެޅުން ކުރިއަށް ދަނީ. 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައި. އުންމީދަކީ ދެމަސް ތިންމަސް ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރުން" ޖަވާދު ވިދާޅުވިއެވެ.

މިފްކޯއިން ވިދާޅުވީ ބަނދަރު ތަރައްގީވެ ނިމުމުން މަސް އެކްސްޕޯޓް ކުރުމާއި، މިފްކޯގެ އޮޕަރޭޝަންތަކަށް ފަސޭހަވާނެކަމަށެވެ. އަދި ގަންނަ މަސް އެކްސްޕޯޓް ކުރުމާއި، މަސް އެހެންތަނަކަށް ބަދަލު ކުރަންޖެހުނު ނަމަވެސް އެކަން ކުރަންވެސް ފަސޭހަވާނެކަމަށް ވިދާޅުވިއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 1500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ޤާއިމުކޮށްފައިވާ ތަނެކެވެ. އެތަނަށް މިވަގުތު ދިމާވެފައިވާ ދައްޗަކީ މަސް ބޭރުކުރުމުގައި ހުރި ދަތިތައް ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ދަށުން، 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1,788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއަކީ 68.8 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.