ޚަބަރު

ދެކުނުގެ ވައިގެ ގުޅުން: ރައްޔިތުން ޚިދުމަތް ބަލައިގަތީ ޝުކުރުވެރިކަމާއެކު


  • ބަލިމީހުން އުފުލުމަށް ވަރަށް ބޮޑު ފަސޭހައެއް

  • އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބޭނެ

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގެ ލުއިފަސޭހަ ނިޒާމެއް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން ވައިގެ މަގުންނާއި ކަނޑުގެ މަގުން ގުޅާލުމުގެ މުހިންމު ގިނަ މަސައްކަތްތެއް ދަނީ ކުރަމުންނެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސް ވަނީ ކަނޑު ދަތުރުފަތުރާއި ވައިގެ ދަތުރުފަތުރުން ގުޅާލުމުގެ މުހިންމު ގިނަ މަސައްކަތްތަކެއް މި އަހަރު ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މި މަސައްކަތުގެ ދަށުން މިއަހަރު ފެށުނު އެންމެ މުހިންމު އެއްކަމަކީ ދެކުނުގެ 4 އަތޮޅު ވައިގެ މަގުން ގުޅާލުމެވެ.

ރާއްޖޭގެ ދެކުނުގެ 4 އަތޮޅު ވައިގެ ދަތުރު ފަތުރުގެ ނިޒާމަކުން ގުޅާލުމަށްޓަކައި ޤައުމީ އެއާލައިން، މޯލްޑިވިއަންއިން އިފްތިތާހީ ދަތުރުތައް ބާއްވާފައިވަނީ ޖަނަވަރީ މަހުއެވެ. ޖަނަވަރީ މަހުގެ 30ގައި އައްޑޫއިން ފުވައްމުލައް ސިޓީއަށް އަދި 31 ޖަނަވަރީގައި ގއ.އަތޮޅު އަދި ގދ. އަތޮޅަށް މި ދަތުރުތައް ވަނީ ބާއްވާފައެވެ. އަދި މި ދަތުރުތައް އާންމުންނަށް ހުޅުވާލާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ދެކުނުގެ 4 އަތޮޅު ވައިގެ ދަތުރުފަތުރުން ގުޅާލުމަކީ ސަރުކާރުން ފެށި ވަރަށް މުހިންމު މަސައްކަތެކެވެ. މިކަމާއި ގުޅޭގޮތުން އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވީ، މިއީ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ދަތުރުތަކަކަށް ވެގެންދާނެ ކަމަށެވެ. އެ ކުންފުނިން މި ޚިދުމަތްތައް ފެށީ، މި އޮޕަރޭޝަނަށް ބޭނުންވާ ހުރިހައި ސެޓަޕްއެއް އައްޑޫގައި ޤާއިމްކޮށްފައި ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ބޯޓުތަކާއި އިންސާނީ ވަސީލަތްތައްވެސް ޤާއިމްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މޯލްޑިވިއަނުން މި ޚިދުމަތް މިހާރު މި ފަށަނީ، ވަރަށް އަގުހެޔޮކޮށް އާންމުންނަށް ވަރަށް ފަސޭހަވާނެ ފަދަ ގޮތަކަށް. އަދި ވިޔަފާރިވެރިންނަށްވެސް ވަރަށް ފަސޭހަވާނެ ފަދަ ގޮތަކަށް އަޅުގަނޑުމެން މިކަން މިފެށީ. ސަރުކާރުގެ ފަރާތުން މި ވަޢުދު އިރާދަކުރެއްވިއްޔާ މި ފުއްދުނީ. އައިލެންޑް އޭވިއޭޝަނުން އަޅުގަނޑު ޔަޤީންކަން ދޭން ބޭނުން އަޅުގަނޑުމެން މި ފެށި ޚިދުމަތް ޑިމާންޑާއި އެއްގޮތަށް އަޅުގަނޑުމެން ޚިދުމަތް ދެމުން ދާނީ." ޢަލީ ސަލީމް ވިދާޅުވިއެވެ.

މި ދަތުރުތަކާއިއެކު ދެކުނުގެ 4 އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންގޮސްފައެވެ. އެންމެ ބޮޑު އެއް ފައިދާއަކީ އިޤްތިޞާދީގޮތުން ލިބިގެންދިޔަ ފައިދާއެވެ. މި ދަތުރުތަކާއިއެކު ވިޔަފާރިއާއި ފަތުރުވެރިކަން މި ސަރަހައްދުގައި ފުޅާވުމަށް މަގުފަހިވެގެންދާނެއެވެ.

"އެންމެ ބޮޑު ފައިދާއަކަށް މިވަނީ އިޤްތިޞާދީ ފައިދާ. އެއީ އެއްތަނުން އަނެއްތަނަށް ދަތުރުކުރެވިގެން އެއްތަނުގައި ހުންނަ ގުޑްސް އެންޑް ސަރވިސް އަނެއް ތަނަށް މި ގެންދެވެނީ. އެހެންވީމަ އެ އޮޕަޗުނިޓީސް ފުޅާވެގެން މިދިޔައީ." އާންމު ރައްޔިތަކު ބުންޏެވެ.

މި ދަތުރުތަކާއިއެކު ދެކުނުގެ 4 އަތޮޅުގެ ރައްޔިތުން ބޭސްފަރުވާއާއި، ތައުލީމާއި، އެނޫންވެސް ބޭނުންތަކަށް އެއް އަތޮޅުން އަނެއް އަތޮޅަށް ކުރަމުން ދިޔަ ދަތުރުތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. މިއީ އާންމު ރައްޔިތުންގެ ދިރިއުޅުން ފަސޭހަވެ އެ ފަރާތްތަކަށް އުފާވެރިކަން ގެނުވި ކަމަކަށް ވަނީ ވެގެންގޮސްފައެވެ.

"ބަލިމީހުންނަށް ދިމާވާ އެކި ހާދިސާތަކުގައި އެބަޖެހޭ ބަލިމީހުން ހަޔަރ ފެސިލިޓީސްތަކަށް ގެންދަން. އެގޮތުން ބަލާއިރު އަޅުގަނޑުމެންނަށްވުރެ ހަޔަރ ފެސިލިޓީއެއް ގޭންއަކީ. ވީލްބޭސް މި ސަރވިސްއާއިއެކު އެކަހަލަ ސިޗުއޭޝަންތަކުގައި ބަލިމީހާ ވީހާ އަވަހަކަށް މިއަށްވުރެ ރަނގަޅު ހަޔަރ ފެސިލިޓީއަކަށް ގެންދަން އެ އިންނަ ޓައިމް ވަރަށް ބޮޑުތަނުން ކުޑަކުރެވިގެންދާނެ." ރައްޔިތަކު ބުންޏެވެ.

މޯލްޑިވިއަނުން މި ދަތުރުތައް ކުރަނީ، މޯލްޑިވިއަންގެ އެންމެ ކުދި ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރާ ޓްވިން އޮޓަރ މަރުކާގެ ބޯޓުތަކުގައެވެ. މިއީ 15 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ. މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ، 5 ސެކްޓަރ ނުވަތަ ރޫޓަށް ބަހާލައިގެންނެވެ. އެއީ، އައްޑޫ ގަމުން ހުވަދު އަތޮޅުގެ ކާޑެއްދޫ އަދި ކޫއްޑޫ އެއާޕޯޓުގެ އިތުރުން ފުވައްމުލަކަށް ދަތުރު ކުރާ ގޮތަށާއި، ފުވައްމުލަކުން ކާޑެއްދޫ އަދި ކޫއްޑޫއަށް ދަތުރު ކުރާ ގޮތަށެވެ.

މޯލްޑިވިއަންގެ ދެކުނުގެ ދަތުރުތަކާއި އަގުތައް

• ގަން - ފުވައްމުލައް - 500ރ
• ފުވައްމުލައް - ކޫއްޑޫ - 650ރ
• ފުވައްމުލައް - ކާޑެއްދޫ - 650ރ
• ގަން - ކާޑެއްދޫ - 900ރ
• ގަން - ކޫއްޑޫ - 900ރ

މިއީ، ދެކުނުގެ އަތޮޅުތައް ގުޅުވާލުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ސަރަޙައްދީ ދަތުރުފަތުރު ހަރުދަނާ ކުރުމަށް ގެންގުޅޭ ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން ފެށި މަސައްކަތެކެވެ. މިދަތުރުތަކާއެކު މި ސަރަޙައްދުގެ ވައިގެ އުދުހުންތަކުގެ ހަބަކަށް އައްޑޫ ގަން ވެގެންދާނެ ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.