ޚަބަރު

2.3 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައި: ރައީސް


  • ވޭތުވެދިޔަ 3 ދައުރުގެ ތެރޭގައި އެންމެ ގިނަ މަސްތުވާތަކެތި އަތުލައިގަތީ މި ސަރުކާރުގައި

  • އަލިމަގު އޮޕަރޭޝަންގެ ތެރެއިން 37 މީހަކަށް ދަޢުވާކުރަން ފޮނުވާފައިވޭ

ވޭތުވެދިޔަ 3 ދައުރުގައި 2 އަހަރު ތެރޭ އެންމެ ގިނަ މަސްތުވާތެކެތި އަތުލާފައިވަނީ މި ހިނގާ ރިޔާސީ ދައުރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިދިޔަ ދެ އަހަރު ތެރޭ އެކަނިވެސް 2.3 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް މަސައްކަތް ފައްޓަވައި ދެއްވުމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވާފައެެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިމައްސަލަ ހައްލުކުރަން މަސައްކަތް ކުރަނީ ދެ ދައިރާއަކުން އެކުގައި ކަމަށެވެ. އެއީ ސަޕްލައި މަދުކުރުމާއި މަސްތުވާތަކެތީގެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް ނުވަތަ ރީހެބިލިޓޭޝަން މަސައްކަތަށެވެ.

ރައީސް ވަނީ މިދިޔަ ދެ އަހަރު ތެރޭގައި އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ތަފާސްހިސާބުތައް ހާމަކުރައްވާފައެވެ. އެގޮތުން މަސްތުވާތަކެތީގެ ސަޕްލައި ހުއްޓުވުމަށް މިދިޔަ އަހަރު 212 އޮޕަރޭޝަނެއް ހިންގިފައިވާ ކަމަށެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކުތައް ހުއްޓުވުމަށް މިދިޔަ އަހަރު ފެށި އޮޕަރޭޝަން އަލިމަގުގެ ތަފާސްހިސާބުތައްވެސް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

2025 ވަނަ އަހަރު:

• 204 ތަނެއް ބަލާ ފާސްކުރި
• 271 ފަރާތެއް ބަންދުކުރި
• 120 މައްސަލަ ބަލާ ތަހުޤީޤުކުރި
• 37 ފަރާތަކަށް ދައުވާ ކުރަން ފޮނުވާފައި

ރައީސް ވިދާޅުވީ މި އޮޕަރޭޝަންތަކުގައި މިހާތަނަށް 712.72 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އަދި 7245 ބަނގުރާ ފުޅި އަދި ދަޅު އަތުލައިގެންފައިވާކަމަށް ވިދާޅުވިއެވެ. މިއީ ގާތްގަނޑަކަށް 1 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"17 ނޮވެމްބަރ 2023 އިން ފެށިގެން މިހާތަނަށް 1366 ކިލޯގްރާމް ގެ މަސްތުވާ ތަކެތި އަދި 14،825 ބަނގުރާފުޅި ވަނީ އަތުލެވިފައި. މިތަކެތީގެ ޖުމްލަ މަގުމަތީ އަގަކީ 2.3 ބިލިއަން ދިވެހި ރުފިޔާ. މިއީ ވޭތުވެދިޔަ 3 ދައުރުގައިވެސް ފުރަތަމަ 2 އަހަރު އަތުލެވުނު އެންމެ ގިނަ މަސްތުވާތަކެތި އަތުލެވުނު 2 އަހަރު ކަން ފާހަގަކުރަން." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަލިމަގު އޮޕަރޭޝަންގެ މަސައްކަތް މިހާރު ސިޓީތަކަށް ފުޅާކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަމާޒުކޮށް މި މަސައްކަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މަސްތުވާތަކެތި އަތުލައިގަތުމުގެ އިތުރަށް ވަރަށް އިސްކަމެއް ދީގެ ބޭނުން ކުރާ ފަރާތްތައް އަނބުރާ މުޖްތަމަޢުއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރުން މިހާރު ރިހެބިލިޓޭޝަން ޕްރޮގްރާމަށް ދީނީ ބައިތައް ހިމަނާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ފުރިހަމަ އިސްލާމީ ތަރުބިއްޔަތުގެ ފިލާވަޅުތައް ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމްގެ ރަސްމީ ބަޔަކަށް ހެދުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ހިންގާ ރިސާލަތު ޕްރޮގްރާމް އެ މިނިސްޓްރީގެ ފަރާތުން ޑްރަގް ފަރުވާ ލިބިގަންނަ ކުދިންނަށް ހިންގައިދިނުމަށް މިހާރު ވަނީ ހަމަޖެހިފައި. މިކަންކަން މިއަހަރުގެ މެއި މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. " ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ 3 ރަށެއްގެ ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވި ހިނގަމުންދާކަމަށް ވިދާޅުވެފައެވެ. އެއީ ކ. ކަށީދޫ، ނ. ވެލިދޫ އަދި ލ. ގަމެވެ.

ސަރުކާރުން މި މައްސަލައަށް ހައްލު ގެނައުމަށް ޤާނޫނަށްވެސް ވަނީ އިސްލާހު ގެނެސްފައެވެ.