ޚަބަރު

މިދިޔަ އަހަރު އެމްއެމްއޭއިން މާރުކުރި ޢަދަދު 492 މިލިޔަން ޑޮލަރަށް، ތާރީޚީ ރެކޯޑެއް


  • ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވް 1.13 ބިލިޔަން އެމެރިކާ ޑޮލަރަށް ވަނީ މަތިވެފައި

  • 150 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖެއްސުމުގެ މުއާމަލާތްތައްވެސް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވޭ

މިދިޔަ އަހަރު އެމްއެމްއޭއިން މާރުކުރި އަދަދު 492 މިލިޔަން ޑޮލަރަށް އަރައި، ތާރީޚީ ރެކޯޑެއް ޤާއިމުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖޭގެ މާލީ ހާލަތު މިހާރު ރަނގަޅުވަމުންދާ ކަމަށެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިދިޔަ އަހަރު އެކަނިވެސް 492 މިލިޔަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވެގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި، މިހާރު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވް 1.13 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުގައި ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ދަރަނި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އަބޫދާބީ ޑިވެލޮޕްމެންޓް ފަންޑުން 2018 ވަނަ އަހަރު ނަގާފައިވާ 100 މިލިޔަން ޑޮލަރުގެ ބޮންޑު މި ސަރުކާރުން ކޮށްފައިވާ މަސައްކަތުގެ ނަތިޖާއެއްްގެ ދަށުން ރޯލްއޯވަރކޮށް، އޭގެ މުއްދަތު 5 އަހަރަށް އިތުރުކުރުމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

"މި ސަރުކާރުން ކުރި މަޝްވަރާގެ ނަތީޖާގެ ގޮތުން ރޯލްއޯވަރކޮށް މެޒޫރިޓީގެ މުއްދަތު 5 އަހަރަށް އިތުރުކުރުމަށާއި، އަދި މިކަމާ ގުޅޭ އެގްރީމެންޓުގައި ސޮއިކުރުމުގެ ޓާރމްސްތަކަށް ވަނީ އެއްބަސްވެފައި. އަދި މިއަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ އިތުރުން ނޮން ޓެކްސް އާމްދަނީގެ ގޮތުގައި 100 މިލިޔަން ޑޮލަރު މިހާރު ކަށަވަރުވެފައިވާއިރު މި އާމްދަނީ ކުރިއަށްއޮތް 45 ދުވަހުގެ ތެރޭގައި ޖަމާވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކްރެޑިޓަރުންނަށް ދެވޭ އިންޝުއަރެންސް ކަވަރޭޖްގެ ތެރެއިން އިތުރު 150 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖެއްސުމުގެ މުއާމަލާތްތައްވެސް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާކަންވެސް މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެންމެ ބޮޑު މާލީ ނުތަނަވަސްކަމަކަށްވީ 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކު މިއަހަރު އަނބުރާ ދައްކަން ޖެހުން ކަމަށެވެ. މިއީ 2017 ވަނަ އަހަރު ނެގި 250 މިލިޔަން ޑޮލަރުގެ ބޮންޑު ދެއްކުމަށްޓަކައި ކުރީ ސަރުކާރުން ބޮޑު އަގުގައި ނަގާފައިވާ ސުކޫކެކެވެ.

ރައީސް ވިދާޅުވީ، މީގެ ސަބަބުން އައިއެމްއެފްގެ ރިޕޯޓްތަކުން ރާއްޖެ 'އެޓް ހައި ރިސްކް އޮފް ޑެޓް ޑިސްޓްރެސް' ގައި އޮތްކަމަށް 2022ވަނަ އަހަރު ދެއްކި ނަމަވެސް، ސަރުކާރުން ފަރުވާތެރިކަމާއެކު މި ދަރަނިތައް އަދާކުރުމަށް މަސައްކަތް ކުރަމުންގޮސް ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ވަރުގަދަކޮށް، އެ ފަންޑަށް ފައިސާ އިތުރުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.