މިއަހަރުގެ ޙައްޖާ ގުޅޭ ކަންކަން ސަޢުދީ ޢަރަބިއްޔާގައި %100 ފުރިހަމަ ކުރި 8 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ދާ ޙައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ސަރުކަރުން މިދިޔަ އަހަރުން ފެށިގެން އަންނަނީ ކުރަމުންނެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރުގެ ޙައްޖާ ގުޅޭ ކަންކަން ސަޢުދީ ޢަރަބިއްޔާގައި %100 ފުރިހަމަ ކުރި 8 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ. އޭގެ ތެރޭގައި މައްކާއާ މަދީނާގައި ހުރުމުގެ ކަންތައްތަކާއި ޙައްޖާ ގުޅިފައިވާ އެހެނިހެން ކަންކަން ރާއްޖެއިން ފުރިހަމަކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ޙައްޖުގެ އަޅުކަމަށް މައްކާއާއި މަދީނާއަށް ދަތުރުކުރާ ޙައްޖާޖީންނަށް ލުއިފަސޭހަ ގޮތްތައް މެދުވެރިވެފައި ނެތުމުން އެތައް ވޭނަކާއި ތަކުލީފެއް މީގެ ކުރިން ކުރިމަތިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ދިވެހި ޙައްޖުވެރިންނަށް ހަމަޖައްސައިދިން ކަންކަމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ޙައްޖީޖިންގެ ލުއިފަސޭހައަށް ސަޢުދީ ޢަރަބިއްޔާއިން ތަޢާރަފްކޮށްފައިވާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދައިމީ މެންބަރުކަން 8 ވަނައަށް ރާއްޖެއަށް ލިބިފައިވާކަމަށެވެ. މީގެ ސަބަބުން ދިވެހި ޙައްޖާޖީންނަށް ރާއްޖޭގެ ތަރީޚުގައިވެސް ދުވަހަކު ލިބިފައިނެތް ފަސޭހަތައް ތަނަވެސްވެފައިވާކަމަށެވެ.
"މިނާގައި ޒަމާނުއްސުރެ ދިވެހިން ތިބެމުން އައި ސީ ކެޓަގަރީން ބީ ކެޓަގަރީއަށް މަތިކޮށް އެތައް ގޮތަކުން ޚިދުމަތްތައް ފުޅާކޮށްފައިވޭ. މައްކާއިން މަދީނާއަށް ކުރަމުން އައި ދަތުރު ފުރަތަމަ ފަހަރަށް އޭސީކޮށްފައިވާ ހައިސްޕީޑް ރޭލްތަކުގައި ކުރަން ފެށި ދަތުރުގެ ދިގުމިން 7 ގަޑިއިރުން 2 ގަޑިއިރަށް ކުރުވި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ހިލޭ ބޭސްފަރުވާ ކުރުމާއި، ޙައްޖުވެރިންގެ ސިއްޙީ ކަންކަން ކަށަވަރުކުރުމަށްޓަކައި ސަޢުދީގެ ހޮސްޕްިޓަލަކާއެކު އެއްބަސްވުމެއް އެކުލަވާލަފާއިވާކަމަށެވެ. އަދި މިހުރިހާ ޚިދުމަތެއް ޙައްޖާޖީންނަށް ދެމުން އައިސްފައިވަނީ އިތުރަށް އެއްވެސް އަގެއް ނެގުމަކާ ނުލާކަން ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަވާ ދެއްވާތީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްއަށާއި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން އަލް ސައުދަށް ޝުކުރު އަދާކުރައްވާފައެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވަނީ ޒަކާތުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އިސްލާމް ދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤުޞަދުތައް ހާސިލްކުރެވޭނެހެން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލާއިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއާ މުދާ ބެހުމުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކަިއ ފުރަތަމަ ފަހަރާށް ޒަކާތުގެ ޤާނޫނެއް ވުޖޫދުކޮށްފައިވާކަމަށެވެ.
ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް މިސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ސަބަބުން ޒަކާތުގެ ނިޒާމައް ރައްޔިތުންގެ އިތުބާރު ބޮޑުވެ ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ އިތުރުވަމުންދާކަމަށެވެ. މިގޮތުން މިދިޔަ އަހަރު 107 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާކަމަށާއި މިއީ ވޭތުވެދިޔަ 5 އަހަރާ އަޅާބަލާއިރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ޒަކާތް ދެއްކި އަހަރުކަން ރައީސް ވިދާޅުވިއެވެ.