ޚަބަރު

މޮޅަކާ އެކު ޔޫވީން ލީގު ނިންމައިލައިފި


  • މި މޮޅާއެކު 18 މެޗުން 11 ޕޮއިންޓް ޔޫވީ ވަނީ ހޯދާފަ

  • މިއީ މި ސީޒަންގައި ޔޫވީ ހޯދި ތިންވަނަ މޮޅު

ދިރާގު ދވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) މޮޅަކާ އެކު ލީގު ނިންމާލައިފިއެވެ. އަންނަ ސީޒަންގަ ދެވަނަ ޑިވިޝަން ކުޅުމަށް ރެލިގޭޓްވެފަވާ ޔޫވީ މެޗު ކާމިޔާބުކުރީ އަވައްޓެރި ވިކްޓަރީ ސްޕޯޓްސް ކުލަބު 2-0 ލަނޑުން ބަލިކުރުމަށް ފަހުއެވެ.

މި މޮޅާއެކު 18 މެޗުން 11 ޕޮއިންޓް ޔޫވީ ވަނީ ހޯދާފައެވެ. ވިކްޓަރީ މިމެޗުން ބަލިވުމާއެކު އެޓީމުން ލީގުގައި ފަސްވަނައިގަ އޮވެ ނިންމާލަން ލިބުނު ފުރުސަތު ވަނީ ނަގާލާފައެވެ.

ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗު ފަށައިގެން ވިކްޓަރީގެ ހުސެއިން ނިޔާޒް އާއު ބިދޭސީ ފޯވާޑް މިލޯސް ލަޗްނޭ ފޮނުވާލި ބޯޅަތައް ވަނީ ގޯލާ އަމާޒު ނުވެފައެވެ. މެޗުގެ 15 ވަނަ މިނިޓުގައި ވިކްޓަރީ އަށް ލިބުނު ހިލޭ ޖެހުމެއް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮއްފައެވެ.

މެޗުގެ 39 ވަނަ މިނިޓުގައި ޔޫވީގެ މިސްރު ފޯވާޑް މުސްތަފާ މަހްމޫދު އެލްޝާޒްލީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮއްފައެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ވިކްޓަރީގެ އަލީ ޝާމިސް އާއި ލަޗްނޭ އަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ގާތްގާތުގައި ވިކްޓަރީގެ ކުޅުންތެރިން ލިބުނު ފުރުސަތުތަކަށް ފަހު މާ އެދެވޭ ހަމަލާއެއް ދެޓީމަށް ވެސް މެޗުގެ ފަހު ވަގުތާ ހަމައަށް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ ޔޫވީގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 83 ވަނަ މިނިޓުގައިއެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައެއްގައި މުސްތަފާ މަހްމޫދު ނިންމާލީ ގޯލުގެ މަތީކަނަށް ބޯޅަ އަމާޒުކޮއްލައިގެންނެވެ. ޔޫވީން ލީޑު ފުޅާކުރީ އޭގެ ހަތަރު މިނިޓު ފަހުން މުސްތަފާ މަހްމޫދު އޭރިއާ ތެރެއިން ވަދެ ގޯލިގެ ދުރުކަނަށް ވައްދާލި ބޯޅައާއެކުވެ.

މިއީ މި ސީޒަންގައި ޔޫވީ ހޯދި ތިންވަނަ މޮޅެވެ.