ޚަބަރު

އީރާނުގެ މިސައިލް މަޝްރޫޢުގެ ޤާބިލްކަން ހުރި މިންވަރަކީ ކޮބާ؟


އީރާނަކީ އެ ޤައުމުގެ ވަރުގަދަ ބެލިސްޓިކް މިސައިލް މަޝްރޫޢުއާ މެދު އެއްވެސް ކަހަލަ މަޝްވަރާއެއް ނުކުރެވޭނެ ކަމަށް އަބަދު ވެސް ބުނަމުން އަންނަ ޤައުމެކެވެ. އެ ޤައުމުގެ މިސަައިލް ޕްރޮގުރާމަކީ މެދުއިރުމަތީގެ އެ ފަދަ އެންމެ ބިޔަ އެއް މަޝްރޫޢުއެވެ.

އީރާނުގެ މިސައިލް ޕްރޮގުރާމުގެ ވަރުގަދަކަމާއި ޤާބިލްކަން ހުރި މިންވަރުގެ އަޖުމަ ބަލައިލުމުގެ ފުރުޞަތު އެންމެ ފަހުން ލިބިފައި ވަނީ 2025ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އީރާނާއި ޔަހޫދީންނާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގައެވެ. އެ ހަނގުރާމައިގައި އީރާނުން ވަނީ ޔަހޫދީ ދައުލަތަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ބެލިސްޓިކް މިސައިލް ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި ޔަހޫދީންގެ އެތައް ބަޔަކު މަރުވެ، ބައެއް އިމާރާތްތައް ވަނީ ސުންނާފަތިވެފައެވެ. އެ ހަނގުރާމައިގައި އީރާނުގެ މިސައިލް ލޯންޗަރުތަކުގެ ތިން ބައި ކުޅަ އެއްބައި ސުންނާފަތިވެފައިވާ ކަމަށް ބެލެވޭ ކަމަށް އިންސްޓިޓިއުޓް ފޮރ ދަ ސްޓަޑީ އޮފް ވޯ (އައިއެސްޑަބްލިޔު) އަދި އޭއީއައި ކްރިޓިކަލް ތުރެޓްސް ޕްރޮޖެކްޓުން ކުރި ދިރާސާއެއްގައި ބުނެފައިވެއެވެ. ނަމަވެސް އީރާނުން ތަކުރާރުކޮށް ބުނަމުން ދަނީ ހަނގުރާމައިގައި ލިބުނު ގެއްލުމުން އެ ޤައުމު އަރައިގެންފައިވާ ކަމަށާއި، އެ ޤައުުމުގެ ޤާބިލުކަމާއި ބާރުގަދަކަން އިހުނަށްވުރެ ވަރުގަދަ ކަމަށެވެ.

ބެލިސްޓިކް މިސައިލްއަކީ ކޮބާ؟

ބެލިސްޓިކް މިސައިލްއަކީ ރޮކެޓުގެ އެހީގައި ފޮނުވާލައި ވަރުގަދަ ހަތިޔާރެކެވެ. އެ މިސައިލް ރޮކެޓުގެ އެހީގައި ފުރަތަމަ ދަތުރުކުރާ ނަމަވެސް ރޮކެޓުގެ ރާސްތާގެ ބޮޑު ބައެއް ކަޑައްތު ކުރަނީ ބިމަށް ދަމާ ބާރު ނުވަތަ ގްރެވިޓީގެ އެހީގައެވެ. މި މިސައިލްތަކުގައި ގޮވާތަކެތި، އަދި ބައެއް ޙާލަތްތަކުގައި ކެމިކަލް އަދި ނިއުކްލިޔަރ ހަތިޔާރު ހިމެނެއެވެ. މި މިސައިލްތަކުގެ ބާވަތްތަކުގެ ގޮތުން ދަތުރުކުރެވޭ ދުރުމިނުގައި ތަފާތުތައް ހުރެއެވެ.

ހުޅަނގުގެ ބާރުތަކުން ދެކޭ ގޮތުގައި އީރާނުގެ މިސައިލް މަޝްރޫޢުއަކީ މެދުއިރުމަތީގެ ހަމަޖެހުމަށް އޮތް އަސްކަރީ ނުރައްކަލެެކެވެ. އަދި އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދައިފި ނަމަ އެ ފަދަ ހަތިޔާރު ފޯރުކޮށްދިިނުމަށް އޮތް ވަސީލަތެކެވެ. ނަމަވެސް އީރާނުން ބުނަމުން ދަނީ އެ ޤައުމުން އެޓޮމިކް ބޮން އުފެއްދުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

އީރާނުން ގެންގުޅޭ މިސައިލްތަކުގެ ބާވަތްތަކާއި ދަތުރުކުރެވޭ ދުރުމިން

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް ބެލިސްޓިކް މިސައިލް ހުރީ އީރާނުގެ އަތުގައި ކަމަށް ޔޫއެސް އޮފިސް އޮފް ދަ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސުން ބުނެއެވެ. އީރާނުގެ މިސައިލުތަކަށް 2،000 ކިލޯމީޓަރުގެ ދުރުމިނަށް ދަތުރުކުރެެވެއެވެ. އީރާނުން މީގެ ކުރިން ބުނެފައި ވަނީ އެ މިސައިލްތަކުން އެކަނި ވެސް އީރާނުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ކަމަށެވެ. ސަބަބަކީ އެ މިސައިލްތަކަށް ޔަހޫދީ ދައުލަތާ ހަމައަށް ދަތުރުކޮށް ޙަމަލާ ދެވޭނެތީއެވެ.

އީރާނުގެ މިސައިލް ސައިޓުތަކުގެ ތެރެއިން ގިނަ ސައިޓުތައް ޤާއިމްކޮށްފައި ވަނީ ވެރިރަށް ތެހްރާނުގައި ނުވަތަ ތެހްރާނާ ކައިރި ސަރަޙައްދުތަކުގައެވެ. އެ ޤައުމުގެ އެކި ޕްރޮވިންސުތަކުގައި ބިމު އަޑީގައި މަދުވެގެން ފަސް “މިސައިލް ސިޓީ” ޤާއިމްކޮށްފައިވާކަން ކަށަވަރުވެއެވެ. އެ ގޮތުން އެ ޤައުމުގެ ކާމަންޝާހްއާއި ސެމްނަންގެ އިތުރުން ގަލްފް ސަރަޙައްދުގައި މި ފަދަ ބިންގަރާސްތައް ޤާއިމްކޮށްފައިވެއެވެ.

އީރާނުން ގެންގުޅޭ މިސައިލްތަކުގެ ތެރޭގައި ދިގު ރާސްތާއަށް ދަތުރުކުރުމުގެ ޤާބިލްކަން ހުރި ގިނަ މިސައިލްތަކެއް ހިމެނެއެވެ. އެ މިސައިލްތަކަށް ޔަހޫދީ ދައުލަތާ ހަމައަށް ދަތުރުކުރެވެއެވެ. ސެންޓަރ ފޮރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްއިން ބުނީ އީރާނުގެ ސެޖިލް މިސައިލްއަށާއި ޤަދްރު މިސައިލްއަށާއި ޚުުއްރަމްޝަހްރު މިސައިލަށް 2،000 ކިލޯމީޓަރަށް ދަތުރުކުރެވޭ ކަމަށެވެ. ޢިމާދު މިސައިލްއަށް 1،700 ކިލޯމީޓަރަށް ދަތުރުކުރެވޭ އިރު. ޝަހާބް-3 މިސައިލްއަށް 1،300 ކިލޯމީޓަރަށް ދަތުރުކުރެވެއެވެ. އޭގެ އިތުރުން ހުވައިޒާ މިސައިލްއަށް 1،350ކިލޯމީޓަކަށް ދަތުރުކުރެވެއެވެ.

އީރާނުގެ ސަރުކާރާ ގުޅުންހުރި ނުރަސްމީ ނޫހެއް ކަމަށްވާ އައިއެސްއެންއޭ އިން މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ވަނީ އީރާނުގެ މިސައިލްތަކުގެ ތެރެއިން ޔަހޫދީ ދައުލަތާ ހަމައަށް ވާސިލްވުމުގެ ޤާބިލްކަން ލިބިފައިވާ ނުވަ މިސައިލެއްގެ މަޢުލޫމާތު ހާމަކޮށްފައެވެ. އޭގެ ތެރޭގައި ސެޖިލް މިސައިލް ހިމެނޭއިރު، އައިއެސްއެންއޭއިން ބުނީ އެ މިސައިލްއަށް ގަޑިއަކު 17،000 ކިލޯމީޓަރަށް ދަތުރުކުރެވޭ ކަމަށާއި، 2،500 ކިލޯމީޓަރުގެ ރޭންޖެއް އެ މިސައިލްއަށް ލިބިފައިވާ ކަމަށެވެ. އޭގެ އިތުރުން 2،000 ކިލޯމީޓަރުގެ ރޭންޖެއް ލިބިފައިވާ ޚައިބަރު މިސައިލްއާއި 1،400 ކިލޯމީޓަރަށް ދަތުރުކުރެވޭ ހައްޖު ޤާސިމް މިސައިލް އައިއެސްއެންއޭއިން ފާހަގަކޮށްފައިވެއެވެ.

އެެމެރިކާގެ ތިންކް ޓޭންކެއް ކަމަށްވާ އާމްސް ކޮންޓްރޯލް އެސޯސިއޭޝަނުން ބުނީ އީރާނުން ގެންގުޅޭ މިސައިލްތަކުގެ ތެރޭގައި 300 ކިލޯމީޓަރަށް ދަތުރުކުރެވޭ ޝަބަހް-1 މިސައިލްއާއި 700 ކިލޯމީޓަރަށް ދަތުރުކުރެވޭ ޒުލްފިގާރު މިސައިލް ވެސް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ޝަހަބް-3އަށް 800 ކިލޯމީޓަރާއި 1،000 ކިލޯމީޓަރުގެ ދުރުމިނަށް ދަތުރުކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އަލަށް އުފައްދަމުންދާ ޢިމާދު-1 މިސައިލްއަށް 2،000 ކިލޯމީޓަރަށް ދަތުރުކުރެވޭނެ ކަަމަށާއި ސެޖެލް މަރުކާގެ އައު މިސައިލްއަށް 2،500 ކިލޯމީޓަރާ ހަމައަށް ދަތުރުކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

‏އީރާނުން ބުނަނީ އެ ޤައުމުގެ ބެލިސްޓިކް މިސައިލް މަޝްރޫޢުގެ ސަބަބުން ދުޝްމަނުންގެ ކިބައިން ރައްކާތެރިކަން ލިބޭ ކަމަށެވެ. އެ ޤައުމުގެ މިސައިލް މަޝްރޫޢުގެ ސަބަބުން އެ ޤައުމާ ކުރިމަތިލުމަށް އެމެރިކާއާއި ޔަހޫދީން ހިމެނޭ ގޮތަށް ދުޝްމަނުން ޖެހިލުންވާ ކަމަށް އީރާނުުން ބުނެއެވެ. އޭގެ އިތުރުން، އީރާނަށް ޙަމަލާއެއް އަމާޒުވާ ކޮންމެ ޙާލަތެއްގައި ވެސް ރައްދުގައި ވަރުގަދަ ޙަމަލާއެއް ދިނުމުގެ ޤާބިލުކަމާއި ފުރުޞަތު ވެސް އެ މަޝްރޫޢުގެ ސަބަބުން ލިބޭ ކަމަށް އެ ޤައުމުން ބުނެއެވެ.

އެމެރިކާގެ ފައުންޑޭޝަން ފޮރ ޑިފެންސް ޑިމޮކްރަސީސްގެ ބެހްމަން ބެން ޓޭލްބްލޫ 2023ވަނަ އަހަރު ނެރުއްވި ރިޕޯޓެއްގައި ވިދާޅުވީ އީރާނުން ބިމުގެ އަޑިން މިސައިލެއް ފުރަތަމަ ފަހަރަށް ލޯންޗު ކުރީ 2020ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އޭގެ ފަހުން ވެސް އީރާނުން ދަނީ އެ ޤައުމުގެ މިސައިލް މަރުކަޒުތައް ވަރުގަދަކޮށް ކުރިއަރުވަމުން ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ގޮތުން އެ މަރުކަޒުތަކުގައި މިސައިލް ފޮވުނުމަށް ބޭނުންކުރާ ނިޒާމުތަކާއި އެހެނިހެން ވަސީލަތްތައް ޤާއިމް ކުރަމުންދާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މިސައިލް އުފެއްދުމުގެ މަސައްކަތް ވެސް ބިންގަރާސްތަކުގައި ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އެތައް އަހަރެއްގެ ތަޖުރިބާއިން މިސައިލްތައް ލުއިކޮށް ފަރުމާކުރާނެ ގޮތާއި ދިގު ރާސްތާތަކަށް ދަތުކުރެވޭނެ ގޮތްތައް އީރާނަށް ދަސްވެފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

2023ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އީރާނުން ވަނީ އެ ޤައުމުގައި އުފެއްދި ފުރަތަމަ ހައިޕަސޮނިކް ބެލިސްޓިކް މިސައިލް ދައްކާލައިފައެވެ. އަޑުގެ ދުވެއްޔަށްވުރެ ފަސް ގުނަ ބާރަށް ހައިޕަސޮނިކް މިސައިލްއަށް ދަތުރުކުރެެވެއެވެ. އެކި މަގުމަގުން ދަތުރުކުރެވޭ މި މިސައިލް ހުއްޓުވުމަކީ ފަސޭހަ ކަމެއް ނޫނެވެ.

އާމްސް ކޮންޓްރޯލް އެސޯސިއޭޝަނުން ބުނީ އީރާނުގެ މިސައިލް މަޝްރޫޢު ފަރުމާކޮށްފައި ވަނީ އުތުރު ކޮރެޔާއާއި ރަޝިޔާގެ ފަރުމާތަކާ އެއްގޮތްވާ ގޮތަށް ކަމަށެވެ. އަދި އީރާނަށް ޗައިނާގެ އެހީތެރިކަން ލިބޭ ކަމަށް ވެސް ބުނެފައިވެއެވެ.

އީރާން އަތުގައި 3،000 ކިލޯމީޓަރަށް ދަތުރުކުރެވޭ ކޭއެޗް-55 ފަދަ ކްރޫޒް މިސައިލްތައް ވެސް ހުރެއެވެ. މި ފަދަ މިސައިލްއަށް ނިއުކްލިޔަރ ޙަމަލާ ދެވޭނެއެވެ.

ސަރަޙައްދީ ޙަމަލާތައް

2024ވަނަ އަހަރު ޔަހޫދީން އީރާނަށް ދިން ޙަމަލާތަކުގައި އެމެރިކާއިން ބައިވެރިވެ، އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމުން އީރާނުން ވަނީ އޭގެ ރައްދެއްގެ ގޮތުން ޤަޠަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދު ވައިގެ މަރުކަޒަށް މިސައިލް ޙަމަލާއެއް ދީފައެވެ. ނަމަވެސް އެ ޙަމަލާ ދީފައި ވަނީ ދުރާލާ އިންޒާރު ދިނުމަށް ފަހުގައެވެ. އެހެންކަމުން އެ ޙަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެ ޙަމަލާ ދިންތާ ގަޑިއިރުކޮޅެއް ފަހުން އެމެރިކާއިން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލާފައިވާ ކަން އިޢުލާނުކޮށްފައެވެ.

ޢިރާޤުގެ ކުރުދިސްތާނު ސަރަޙައްދުގައި ހުންނަ ޔަހޫދީ ޖާސޫސީ މަރުކަޒަކަށް ޙަމަލާ ދިނުމަށް 2024ވަނަ އަހަރުގެ ޖަނަވަރީ މަހު މިސައިލް ބޭނުންކޮށްފައިވާ ކަމަށް އީރާނުގެ އިންޤިލާބީ ފައުޖުން ބުނެފައިވެއެވެ. އަދި ސޫރިޔާގައި ޙަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ވެސް އެ ފަދަ ޙަމަލާއެއް ދީފައިވެއެވެ. އޭގެ އިތުރުން އަވަށްޓެރި ޕާކިސްތާނުގެ ބަލޮޗު ހަނގުރާމަވެރިންގެ ދެ މަރުކަޒަކަށް ވެސް މިސައިލް ޙަމަލާ ދީފައިވާ ކަމަށް އީރާނުން ބުނެއެވެ.

ހަމައެއާއެކު، ސަޢުދީ ޢަރަބިއްޔާއާއި އެމެރިކާއިން ވަނީ ސަޢުދީ ޢަރަބިއްޔާގެ ތެޔޮ މަރުކަޒަކަށް 2019ވަނަ އަހަރު ދީފައިވާ ޑްރޯން ޙަމަލާއެއްގެ ފަހަތުގައި ވަނީ އީރާން ކަމަށް ޤަބޫލުކުރެވޭ ކަމަށް ބުނެފައެވެ. ނަމަވެސް އީރާނުން އެ ތުހުމަތު ދޮގު ކުރެެއެވެ.

2020ވަނަ އަހަރު އީރާނުން ވަނީ ޢިރާޤުގައި ޙަރަކާތްތެރިވަމުންދިޔަ އެމެރިކާގެ ފައުޖަކަށް މިސައިލް ޙަމަލާ ދީފައެވެ. އެއީ އެމެރިކާއިން ދިން ޑްރޯން ޙަމަލާއެއްގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސް ކޮމާންޑަރެއް ކަމަށްވާ މޭޖަރ ޖެނެރަލް ޤާސިމް ސުލައިމާނީ ޝަހީދުކޮށްލުމާ ގުޅިގެންނެވެ.