ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދު ދޫކޮށް، ފްރާންސްގެ މިޑްފީލްޑަރު އެންގޮލޯ ކާންޓޭ، ތުރުކީގެ ފެނަބާޗެއަށް ސޮއިކޮށްފިއެވެ.
ކާންޓޭ ފެނަބާޗޭއަށް ސޮއިކޮށް، ކުލަބާ ގުޅުނުކަން އެ ކުލަބުން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
މި ޓްރާންސްފަރ ފުރިހަމަކޮށްފައި މިވަނީ، އިދާރީ މައްސަލަތަކެއް ކުރިމަތިވެ، ޓްރާންސްފަރ ފުރިހަމަނުކުރެވޭނެކަމަށް ބެލެވިފައި ވަނިކޮށެވެ. އެކަމާ ގުޅިގެން އަންގާރަ ދުވަހު ފެނަބާޗޭއިން ވަނީ، ޓްރާންސްފަރ ފުރިހަމަނުކުރެވުމުގެ ޒިންމާ އިއްތިހާދުން ނަގަންޖެހޭނެކަމަށް ބުނެ އެ ކުލަބު ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފައެވެ.
މިއެއްބަސްވުމުގެ ދަށުން ކާންޓޭގެ ބަދަލުގައި ފެނަބާޗޭއިން ވަނީ އިއްތިހާދަށް، ޔޫސުފް އެން ނެސީރީ ދީފައެވެ.
ދެ އަހަރާއި ބައިގެ މުއްދަތެއް ސައުދީގައި ހޭދަކުރުމަށް ފަހު ކާންޓޭ ތުރުކީގެ ފެނަބާޗޭއާ ގުޅުނުއިރު، އެން ނެސީރީ އަކީ، އިއްތިހާދު ދޫކޮށް އަލް ހިލާލަށް ބަދަލުވި ކަރިމް ބެންޒެމާގެ ބަދަލުގައި އިއްތިހާދުން ގެނައި ކުޅުންތެރިއެކެވެ.
ޔޫރަޕުގައި ކާމިޔާބީތަކެއް ހޯދުމަށްފަހު ކާންޓޭ އަލް އިއްތިހާދަށް ސޮއިކުރީ އުމުރުން 34 އަހަރުގައި، 2023 ވަނަ އަހަރުއެވެ. އެއީ އިނގިރޭސިވިލާތުގެ ޗެލްސީގައި ހުރުމަށްފަހުއެވެ. ކާންޓޭ ވަނީ ޗެލްސީއާއެކު ޔޫއެފާ ޗެމްޕިއަންސް ލީގާއި ޕްރިމިއަރ ލީގުގެ އިތުރުން ޔޫރަޕާ ލީގާއި އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.
ކާންޓޭ ޗެލްސީއާ 2016 ވަނަ އަހަރު ގުޅުނީ އޭގެ ކުރީ އަހަރު، ލެސްޓަރ ސިޓީއަށް ޕްރިމިއަރ ލީގު ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރުމަށްފަހުއެވެ.
ސައުދީގެ އަލް އިއްތިހާދާއެކު ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 105 މެޗުން 10 ލަނޑު ޖަހައިދީ 11 އެސިސްޓު ކޮށްދީފައެވެ. އެ ކުލަބާއެކު އޭނާ ވަނީ ސައުދީ ޕްރޯ ލީގާއި ކިންގްސް ކަޕް ކާމިޔާބުކޮށްފައެވެ.
ފްރާންސްގެ ޤައުމީ ޓީމާއެކު ކާންޓޭ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.