ޚަބަރު

ނާގޯށީގައި ތަރައްޤީކުރާ ރިސޯޓުގެ އުމްރާނީ މަސައްކަތްތައް ފަށަނީ


  • ފުރަތަމަ ކުއާޓަރުގެތެރޭގައި ފަށާނެ

  • މަޝްރޫޢު އިފްތިތާހްކޮށްފައިވަނީ މިދިޔަ އޮގަސްޓުމަހު

ހދ. ނާގޯށީގައި ތަރައްޤީކުރާ ރިސޯޓުގެ އުމްރާނީ މަސައްކަތްތައް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި ފެށިގެންދާނެކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން ވިދާޅުވެއްޖެ.

ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރަން އެމްޓީޑީސީއަށް ހަވާލުކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. އެރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ސަބްލީޒްކުރީ ރަޝިއާގެ ތްރީކް ކުންފުންޏަށެވެ. އެކުންފުންޏަށް އެމަޝްރޫޢު ކުރިއަށް ނުގެންދެވި، އޮވެ 2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެރަށް ނެގުމަށްފަހު 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން ރަށް ލިބުމުން އެއަހަރު ވަނީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ރަށް ތަރައްޤީކުރުމަށް ދީފައެވެ. ނަމަވެސް 3 އަހަރު ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން އެގްރިމެންޓް ވަނީ އުވާލާފައެވެ. އޭގެ ފަހުން މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވި މަސައްކަތާއެކު މާލީ ވުޒާރާއިން ވަނީ އެމްޓީޑީސީއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ފައިނޭންސިން ހަމަޖައްސަވާފައެވެ.

އައު އެއްބަސްވުމުގެ ދަށުން އެމްޓީޑީސީއަށް މޮބިލައިޒޭޝަން ހުއްދަ ލިބިފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެތެރޭގައެވެ. މިމަޝްރޫޢުގެ މަސައްކަތް އިފްތިތާޙްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އޮގަސްޓު މަހު ހދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނު ވަނީ އެ ރަށަށް ވަޑައިގެން މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން އެމްޓީޑީސީއިން ނާގޯށީގައި ރިސޯޓު ތަރައްޤީކުރުމުގެ ކޮންސްޓްރަކްޝަން މަސައްކަތްތަށް ކުރިއަށްގެންދިޔުމަށް ދީފައިވާ މުއްދަތު ސަރުކާރުން ވަނީ މިއަހަރުގެ ނޮވެންބަރު 20ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައެވެ. ކުރިން ހަދާފައިވާ ސަބްލީޒް އެއްބަސްވުމުގެ ދަށުން އެ ރަށުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ %40 ވަނީ ނިމިފައެވެ.

އެމްޓީޑީސީގެ ކުއާޓަލީ ރިޕޯޓުގައިވާގޮތުން ޕްރޮޖެކްޓް މެނޭޖްމަންޓު ކޮންސަލްޓެންޓެއް ހަމަޖައްސާ، މަޝްރޫޢާގުޅޭ ގިނަ ކަންތައްތަކެއް ނިންމުމުގެ މަސައްކަތްދަނީ ކުރެވެމުންކަމަށެވެ. އަދި ރިސޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ދަނީ ތައްޔާރުވަމުންކަމަށާއި، މިހާރު ތާވަލުކޮށްފައިވަނީ އުމްރާނީ މަސައްކަތްތައް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި ފެށުމަށް ކަމަށް ރިޕޯޓުގައިވެއެވެ.

އެމްޓީޑީސީން ވިދާޅުވީ މަޝްރޫޢު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 183 ކޮޓަރީގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ޑިސެންބަރުމަހަށް ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެކުންފުނިން ވިދާޅުވިއެވެ. އޭގެތެރޭގައި ބީޗް ވިލާތަކާއި، ޖަކޫޒީ ބީޗް ވިލާސް، އަދި ވޯޓާ ވިލާސް ހިމެނޭހެން 4 ގިންތިއެއްގެ ކޮޓަރިތައް ހުންނާނެ ކަމަށް އެމްޑީޓީސީން ފާހަގަކުރެއެވެ.

ނާގޯށި ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށް، އެމްޓީޑީސީން ވިދާޅުވެފައިވާއިރު، މިރަށަކީ ރާއްޖޭގައި ފަތުރުވެރިކަމަށް ތަރައްޤީކުރެވޭ އެންމެ ބޮޑު އެއް ރަށްކަން ފާހަގަކޮށްލެވެއެވެ. އެމްޓީޑީސީން ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތް ނިންމާލާއިރު މިރަށުގައި 600 އެއްހާ ވަޒީފާ އުފެދޭނެއެވެ. އޭގެސަބަބުން މުޅި ހދ. އަތޮޅަށްވެސް އޭގެ ފައިދާ ކުރާނެކަން ސަރުކާރުން ޤަބޫލުކުރެއެވެ.

އެމްޓީޑީސީން ވަނީ ނާގޯށި އޮޕަރޭޓް ކުރުމަށް އިންޓަރނޭޝަނަލް ބްރޭންޑެއް ހޯދައި، އެކަމާއި ގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.