ޚަބަރު

މަސައްކަތް ކުރާނީ އީގަލްސް ކުރިޔަށް ޖައްސަން: ހަނީފް


  • ހަނީފް ބުނީ އީގަލްސްއިން މަސައްކަތް ކުރާނީ ހަނގު ކުޅުންތެރިންނަށް ގިނަ ފުރުސަތު ދޭން ކަމަށް

  • ހާސިލް ކުރެވޭނެ ކަމެއް ނެތަސް އަބަދުވެސް އަމާޒަކީ މޮޅުވުން ކަމަށް ހަނީފް ބުނި

ކުރިޔަށް އޮތް ތަނުގައި އީގަލްސް ކުރިޔަށް ޖައްސާލުމަށް މަސައްކަތް ކުރާނެ ކަމަށާއި، މިހާރު ފެންނަނީ ތަންކޮޅެއް ބޮޑަށް ވެއްޓިފައި އޮތްތަން ކަމަށް ކުލަބު އީގަލްސްގެ ކޯޗު އިބްރާހީމް ހަނީފް (ބެންޖޯ) ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުލަބު ގްރީންސް ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހަނީފު ބުނީ އީގަލްސް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ބޭނުންވީ ރަނގަޅު ގޭމެއް ކުޅެ މޮޅުވާން ކަމަށެވެ.

އަދި ލީގުގައި ދެން ހާސިލްވާނެ މާބޮޑު ކަމެއް ނެތަސް ކުލަބު ރަނގަޅު ކުރަން ކުރިޔަށް އޮތް ބްރޭކްތަކުގައި މަސައްކަތްކުރާނެ ކަމަށެވެ. އަދި، ވީހާވެސް ގިނައިން ހަގު ކުޅުންތެރިންނަށް ފުރުސަތުދޭނެ ކަމަށްވެސް ހަނީފް ބުންޏެވެ.

"ބްރޭކްތަކުގައި ތަންކޮޅެއް ބޮޑަށް ރަނގަޅު ކޮށްލާނަން. ތަންކޮޅެއް ބޮޑަށް ވެއްޓިފަ މި ފެންނަނީ އަނެއްހެން މާ ބޮޑު ޓާގެޓެއް ނެތީމަކަންނޭނގެ" ހަނީފް ބުންޏެވެ.

އީގަލްސްގެ ކޯޗު ބުނީ ޓީމުގެ އަބަދުވެސް ޓާގެޓަކީ ކާމީޔާބު ހޯދުން ކަމަށާއި މަސައްކަތް ކުރާނީ ކާމިޔާބީއަށް ވާޞިލްވުމަށް ކަމަށެވެ.

ކޯޗު ހަނީފް އިތުރަށް ބުނީ މެޗުގައި ޓެމްޕޯ ވަރަށް ބޮޑަށް ދަށްވެފައިވާތަން ފެންނަ ކަމަށެވެ. ޓީމުގެ ޓެމްޕޯ ދަށްވަނީ ދެވޭނެ މާ ބޮޑު ހިސާބެއް ނެތީމަކަމަށް ވެސް ހަނީފް ފާހަގަކުރިއެވެ. އީގަލްސްއިން މެޗުތަކުގައި ފެންނަނީ ތަންކޮޅެއް ބޮޑަށް ފަސޭހަކޮށްލައިގެން ކުޅޭތަން ކަމަށްވެސް ހަނީފު ފާހަގަކުރިއެވެ.