ސްޕެއިންގެ ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ހޯދައިފި އެވެ.
ބާސެލޯނާ އިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ރަށުން ބޭރުގައި އަލްބަސޭޓޭ އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
2005 ވަނަ އަހަރަށްފަހު މި ދެ ޓީމު ފުރަތަމަ ފަހަރަށް ކުޅުނު މި މެޗުގެ އަށް ވަނަ މިނިޓުގައި ހެންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބާސެލޯނާ އަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް މާކަސް ރަޝްފޯޑް ފޮނުވާލި ބާރު ހަމަލާ ވަނީ ދަނޑި ކައިރިން ބޭރުވެފަ އެވެ.
ބާސެލޯނާ އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 39 ވަނަ މިނިޓުގައި ފްރެންކީ ޑިޔޮންގް ދިން ޕާހަކުން ލަމީން ޔަމާލް ޖެހި ލަނޑުންނެވެ. މިއީ މި މުބާރާތުގައި މި ސީޒަނުގައި ބާސެލޯނާގެ ޒުވާން ތަރި, ލަމީން ޔަމާލް ޖެހި ފުރަތަމަ ލަނޑެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ބާސެލޯނާ އަށް ލިބުނު ކޯނަރެއް މާކަސް ރަޝްފޯޑް ނަގައިދިންއިރު, ޑިފެންޑަރ ރޮނަލްޑް އަރައުހޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނަމަވެސް މި މެޗުގައި އަލްބަސޭޓޭ އަށް ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގެ ބޭނުންހިފާ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ހަވީ މޮރޭނޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.