ޚަބަރު

ލިމިޓެއްނެތި ނިއުކްލިޔަރ ހަތިޔާރު ގެންގުޅެވޭ ދުނިޔެއަކަށް ރަޝިޔާ ތައްޔާރު


ނިއުކްލިޔަރ ހަތިޔާރު ގެންގުޅެވޭ ޢަދަދު ކަނޑައަޅައި، 2010ވަނަ އަހަރުން ފެށިގެން އެމެރިކާ އާއި ރަޝިޔާއިން ޢަމަލުކުރަމުންދާ އެއްބަސްވުން މި ހަފްތާގެ ނިޔަލަށް ހަމަވާއިރު، އެއްވެސް ލިމިޓެއްނެތި ނިއުކްލިޔަރ ހަތިޔާރު ގެންގުޅެވޭ އައު ޙާލަތަކަށް ރަޝިޔާއިން ތައްޔާރަށް އޮތް ކަމަށް އެ ޤައުމުގެ ޚާރިޖިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

"ސްޓާރޓް"ގެ ނަމުގައި ނިއުކްލިޔަރ ހަތިޔާރު ގެންގުޅެވޭ ޢަދަދު ކަނޑައަޅައި، ރަޝިޔާ އާއި އެމެރިކާއިން 2010ވަނަ އަހަރުގެ ތެރޭގައި ސޮއިކޮށްފައިވާ އެއްބަސްވުން 5 ފެބްރުއަރީގެ ނިޔަލަށް ހަމަވާނެއެވެ. އެ އެއްބަސްވުމުގެ ދަށުން، ދުރު ހިސާބުތަކަށް ޙަމަލާދެވޭ ޤާބިލުކަން ހުންނަ ނިއުކްލިޔަރ ހަތިޔާރުގެ ޢަދަދު ވަނީ 1،550އަށް ލިމިޓުކޮށްފައެވެ.

އެ އެއްބަސްވުން ނިމުމަކަށް އައުމާއެކު، ދުނިޔެއަށް އުފަންވާނެ އައު ޙާލަތަށް ރަޝިޔާއިން ތައްޔާރަށްތިބި ކަމަށް، އެ ޤައުމުގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރގޭ ރަޔާބްކޯވް ވިދާޅުވިއެވެ.

ރަޝިޔާ އާއެކު ވެފައިވާ އެއްބަސްވުން އައު ކުރުމުގެ ވިސްނުމެއް އެމެރިކާއިން ނުގެންގުޅޭ ކަމުގެ އިޝާރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު ވަނީ ދެއްވައިފައެވެ. އަދި އެއްބަސްވުން ހަމަވިނަމަވެސް، އައު އެއްބަސްވުމަކަށް މަސައްކަތް ކުރަން ވަގުތު ދޭން، އިތުރު އަހަރަކަށް މި އެއްބަސްވުމަށް އިޙްތިރާމް ކުރުމަށް ރަޝިޔާއިން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ވެސް އެމެރިކާއިން އަދި މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމެރިކާއިން އެކަމާމެދު ވަކި އެއްޗެއް ނުބުނުމަކީ ވެސް ދިން ޖަވާބެއްގެ ގޮތުގައި ރަޔާބްކޯވް ވަނީ ސިފަކުރައްވައިފައެވެ.

މި އެއްބަސްވުން ހަމަވުމާއެކު، ނިއުކްލިޔަރ ޤައުމުތަކުގެ މެދުގައި އޮތް އިތުބާރު ގެއްލި، ނިއުކްލިޔަރ ހަތިޔާރު ޖަމާކުރުމުގެ ވަރުގަދަ ރޭހެއް ފެށިދާނެކަމުގެ ބިރު ބޮޑުކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ދުނިޔޭގެ ތިންވަނައަށް އެންމެ ގިނަ ނިއުކްލިޔަރ ހަތިޔާރު ގެންގުޅޭ ޗައިނާ ވެސް މި އެއްބަސްވުމުގެ ތެރެއަށް ވައްދަން އެމެރިކާއިން ބޭނުންވިނަމަވެސް، ޗައިނާއިން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

ޗައިނާގެ އެ ނިންމުމަށް ރަޝިޔާއިން އިޙްތިރާމްކުރާ ކަމަށް ރަޔާބްކޯވް ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރިއިރު، ރަޝިޔާގެ ރައީސްގެ މަޤާމުގައި ހުންނެވި ދްމީތުރީ މެދްވޭދެފް ވަނީ، އެއްބަސްވުން ނިމުމަކަށް އައުމާދެކޮޅަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުން ތެދުވުމަށް ގޮވާލައްވައިފައެވެ.