ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ދިވެހި ފުލުހުންގެ ޚިދުމަތާދެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އިލެކްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދުއެވެ. އަދި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ.
މި އެއްބަސްވުމަކީ، މި އަހަރުގެ އޭޕްރީލް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމުގައި ފުލުހުންގެ ޚިދުމަތުން ދެއްވަން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން ހޯދުމާއި ގުޅޭ އެއްބަސްވުމެކެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ކުރިއަތް އޮތް ކައުންސިލް އިންތިޚާބުގައި ކަމަކަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. ކުރިއަތް އޮތް ކައުންސިލް އިންތިޚާބުގައިވެސް މަސައްކަތް ކުރާނީ އިލެކްޝަން ކޮމިޝަންއިން އެދިލައްވާ ކަންކަންކަމާއި އިންތިހާބު އަމާންކަމާއި އޮމާންކަމާއެކީ ގެންދިޔުމަށްކަމަށް ނަވީން ވިދާޅުވިއެވެ. އެގޮތުން ވޯޓު ފޮށިތަކާއި ވޯޓު ކަރުދާހާއި އޭގެ އިތުރުންވެސް ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދާނީ ކުރަމުންކަމަށް ނަވީން ވިދާޅުވިއެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހެއްޓޭ ވޯޓު ފޮށިތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ ފަރާތުން ދޭން ޖެހޭ އެއްބާރުމާއި އެހީތެރިކަން އިލެކްޝަން ކޮމިޝަނަށް ވަނީ އަރުވާފައި" ނަވީން ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ދުނިޔެގެ އެހެން ޤައުމުތަކޭ އެއްގޮތައް އިންތިހާބެއް ބޭއްވޭ ކޮންމެ ފަހަރަކު އަބަދުވެސް އިންތިހާބުގައި ކުރިމަތިލާ ކެނޑިޑޭޓުންނާއި ޕާޓީތަކުގެ މެދުގައި ވާދަވެރި ކެމްޕެއިންތަކެއް ކުރިއަށްދާކަމަށެވެ. ކަމައެއްގެ ވާދަވެރިވެ ތާއީދު ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު އިންތިހާބެއްގެ މާހައުލުގައި ކުރުން މުހިންމުކަމަކީ ސަލާމަތާއި ރައްކާތެރިކަމާއެކު އެއްވެސް ބިރުވެރިކަމާއި ނުފޫޒެއްނެތި އެ ވޯޓު ލާންދާ މީހާއަށް އެކަން ކުރުމުގެ މާހައުލެއް ޤާއިމްކުރުންކަމަށް ޒާހިދު ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ ސިޔާސީ ކެމްޕެއިންގެ ވާދަވެރިކަމުގައި އެކި ފަހަރު އެކި ގޮތައް ދެ މުއައްސަސާއައް ތުހުމަތުތަކެއް ކުރެވޭކަމަށް ވިދާޅުވިއެވެ.
" އަޅުގަނޑުމެން ކުރަނީ ޕްރޮޕެޝަނަލް މަސައްކަތެއް. އިންތިހާބެއް ބާއްވާދުވަހު އިންތިހާބަކަށް ތައްޔާރުވެ އިންތިހާބެއް އިއުލާންކޮށް އިންތިހާބުގެ ކެނޑިޑޭޓުން ކެނޑިޑޭޓުން އައްޔަންވެ އެވާދަވެރި ސިޔާސީ މާހައުލެއްގައި ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ ވޯޓުލުމަށް ސަލާމަތާއި ރައްކާތެރިން ހޯދޭނެ މާހައުލެކޭ އަޅުގަނޑުމެން ދެބައި މީހުން ކުރާކަމަކީ" ޒާހިދު ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ އުންމީދަކީ މިބޭއްވޭ އިިންތިޚާބަކީވެސް ސަލާމާތާއި ރައްކާތެރިކަން ކަށަވަރުވެގެން ކުރިއަށް ގެންދެވޭ އިންތިޚާބަކަށް ވުންކަމަށް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ.