ފަލަސްޠީނުގެ ޣައްޒާއާއި މިޞްރު ގުޅައިދޭ ސަރަޙައްދީ ރޮނގުގައި އޮތް ރަފަޙް ހުރަސް ހުޅުވައިލާފައިވީ ނަމަވެސް، ޣައްޒާގެ ރައްޔިތުންނަށް އެ ސަހަރުން ބޭރަށް ދަތުރު ކުރުމަށް ޔަހޫދީން ހުރަސް އަޅަމުން އެބަދެއެވެ. 18 ވަރަކަށް މަހަށް ފަހު ޔަހޫދީ ފައުޖުން ރަފަޙް ހުރަސް "ނަމެއްގައި" ހުޅުވައިލާފައި ވަނީ ފެބުރުވަރީ 1ވަނަ ދުވަހުއެވެ. ނަމަވެސް، ޣައްޒާގައި ތިބި އިތުރު ފަރުވާއަށް ބޭނުންވާ އެތަކެއް ހާސް ބަޔެއްގެ ތެރެއިން ރަފަޙުން ބޭރަށް ދަތުރު ކުރުމުގެ ފުރުޞަތު މިހާތަނަށް ދީފައި ވަނީ އެންމެ ފަސް ބަލިމީހުންނަށެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުން ސަލާމަތްވުމަށް އެ ސަހަރު ދޫކޮށް ބޭރު ޤައުމުތަކަށް ދަތުރު ކުރި މީހުންނަށް އެނބުރި ވަޒަނަށް ދަތުރު ކުރުމުގެ ފުރުޞަތު ވެސް ޔަހޫދީން ވަނީ ހުޅުވައިލާފައެވެ. ނަމަވެސް، ފެބުރުވަރީ 1ވަނަ ދުވަހު މިޞްރު މަގުން ޣައްޒާއަށް ދަތުރު ކުރުމުގެ ފުރުޞަތު ދީފައި ވަނީ އެންމެ 12 މީހުންނަށެވެ.
އިތުރު ޞިއްޙީ ފަރުވާއަށް ބޭނުންވެފައިވާ އެތަކެއް ހާސް ބަޔަކު ޣައްޒާގައި ތިބި ކަމުގައި ޣައްޒާގެ ޞިއްޙީ އޮފިޝަލުން ބުންޏެވެ. ޣައްޒާގައި ޚިދުމަތް ކުރައްވާ އޮޕަރޭޝަން ޑޮކްޓަރެއް ކަމުގައިވާ މުޙައްމަދު ޠާހިރު ވިދާޅުވީ ޔަހޫދީންގެ ޤަތުލުޢާންމުގައި ބޮޑެތި ޒަޚަމުތަކެއް ދީފައިވާ އެތަކެއް ހާސް ބަޔަކަށް ފަރުވާ ދެވޭނެ ގޮތެއް ޣައްޒާގައި ނެތް ކަމުގައެވެ.
"ޣައްޒާގެ ހަސްފަތާލުތައް ވަނީ ސުންނާފަތި ކޮށްލާފައި. ޑޮކްޓަރުންނާއި ނަރުހުން ވަނީ ޝަހީދު ކޮށްލާއި، ހައްޔަރު ކޮށްފައި، ނުވަތަ [ޣައްޒާ ދޫކޮށް] ބޭރަށް ހިޖުރަ ކުރުމަށް މަޖުބޫރު ކުރުވާފައި،" ޠާހިރު ވިދާޅުވިއެވެ. ބަލި މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ޣައްޒާގައި ނެތް ކަން ފާހަގަ ކުރައްވައި ޠާހިރު ވިދާޅުވީ ޣައްޒާއިން ބޭރަށް ގެންގޮސް ފަރުވާ ދިނުން ނޫން އިތުރު ގޮތެއް އެ މީހުންނަށް ނެތް ކަމުގައެވެ.
"އަޅުގަނޑުމެން ބޭނުންވާ ކަމަކީ، އެ މީހުން [ބަލިމީހުން] ބޭރަށް ގެންގޮސް ފަރުވާ ދެވޭނެ އިންތިޒާމުތަކެއް، އަދި ފަރުވާއަށް ފަހު އެނބުރި ގެނެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން،" ޠާހިރު ވިދާޅުވިއެވެ. "އޭރުން އާދައިގެ ބަލިތަކާއި ޞިއްޙީ މައްސަލަތަކަށް ފަރުވާ ބޭނުންވާ މީހުންނަށް ފަރުވާ ދިނުމުގެ ފުރުޞަތު ލިބިގެންދާނެ."
ރަފަޙް ހުރަސް ހުޅުވައިލުމަށް ފަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ޚާން ޔޫނިސަށް ނިރުބަވެރި ޙަމަލާތަކެއްދީ، އެކަކު ޝަހީދު ކޮށްލާފައެވެ. އެއީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ ގޮތުން އަމަލު ކުރަމުންދާ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ދީފައިވާ ޙަމަލާއެކެވެ. މީގެ އިތުރުން، ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕަކަށް ވަދެ، ޔަހޫދީ ސިފައިން ވަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގާފައެވެ. އަދި، ތިން މީހަކު ޒަޚަމުކޮށްލައި، އިތުރު އަށް މީހުން ހައްޔަރު ކޮށްގެން ގެންގޮސްފައެވެ.
2023 އޮކްޓޫބަރަށް ފަހު ޔަހޫދީންގެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 71,800ށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 171,555ށް އަރައެވެ. 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވުމަށް ފަހު، އެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ދީފައިވާ ޙަމަލާތަކުގައި އިތުރު 526 މީހުން ޝަހީދު ކޮށްލާފައެވެ. އަދި، އިތުރު 1,447 މީހުން ޒަޚަމު ކޮށްލާފައެވެ.