ޚަބަރު

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު؛ 63 ހެކްޓަރު ހިއްކައިފި


  • ޖުމުލަ 112 ހެކްޓަރު ހިއްކާނެ

  • މަސައްކަތް ފެށީ ޖަނަވަރީ 5ގައި

ހއ.ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން މިހާތަނަށް 63 ހެކްޓަރު ހިއްކައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ.

ހއ. ދިއްދޫގައި ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ އެއަރޕޯޓް ތަރައްޤީކުރުމާއި ބޯހިޔާވަހިކަމުގެ ބޭނުމަށެވެ. އެމްއޭސީއެލްއާ ހަވާލުކޮށްގެން ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފެށީ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުއެވެ. މިމަޝްރޫޢުގައި ޖުމުލަ 112 ހެކްޓަރުގެ ބިން އެރަށުން ހިއްކައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ޙިއްސާކުރައްވަމުން އެމްއޭސީއެލްއިން ވިދާޅުވީ މިހާތަނަށް 63 ހެކްޓަރު ހިއްކުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އެއީ މުޅި މަޝްރޫޢުގެ %56.25 އެވެ.

ދިއްދޫ ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަމަށް އެމްއޭސީއެލްއިން ފާހަގަކުރައްވައެވެ. ޓްރެއިން ސަކްޝަން ހޮޕަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ، 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.

ދިއްދޫގައި ރަޖިސްޓްރީވެފައިވާ އާބާދީއަކީ 5000 ނަމަވެސް، ރަށުގައި ތަޢުލީމާއި ޞިއްޙީ ފަރުވާފަދަ ބޭނުންތަކަށް އެރަށަށް ހިޖުރަކޮށް ދިރިއުޅޭ މީހުންނާއެކު ރަށުގައި ދިރިއުޅޭ އާބާދީ 7000އަށް އަރައެވެ.
ދިއްދުއަކީ ހއ.އަތޮޅު ވެރިކަން ކުރާ ރަށެވެ.

ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށާއި ސަރަޙައްދުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ.

ދިއްދޫގައި ތަރައްޤީކުރާ އެއާޕޯޓާއެކު ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަވެ އަދި މުޅި އެ ސަރަޙައްދަށް އިޤްތިޞާދީ ބޮޑެތި ކުރިއެރުންތައް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ދިއްދޫ އެއާޕޯޓާއެކު އަތޮޅުގެ އެ ބިތުގައި ދެން ހިމެނޭ ވަށަފަރު، ފިއްލަދޫ، ކެލާ، މުރައިދޫ، ބާރަށް އަދި އުތީމަށްވެސް އޭގެ މަންފާ ކުރާނެއެވެ.

ހއ.އަތޮޅުގައި މިހާރު އޮންނަނީ ހޯރަފުށީގައި ހިންގަމުން އަންނަ އެއާޕޯޓެވެ. 14 ރަށް އޮންނަ އެ އަތޮޅަކީ ގާތްގަނޑަކަށް 20،000 މީހުންގެ އާބާދީއެއް އޮންނަ އަތޮޅެކެވެ.