ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހަށް ތައްޔާރުވުމުގެ މަސައްކަތް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން ދުރާލާ ފަށައިގެން ކުރިއަށްގެންދެއެވެ. އެގޮތުން މިއަހަރުގެ ރަމަޟާންމަހަށް ތައްޔާރުވުމުގެ މަސައްކަތްވެސް އެ ކުންފުނިން މިހާރު ފަށައިގެން އަންނަނީ ކުރަމުންނެވެ.
ރަމަޟާންމަހަކީ ކެއިންބުއިމަށް ބޭނުންކުރާ ބާވަތްތަކުގެ ޑިމާންޑް ވަރަށް ބޮޑަށް އުފުލޭ މަހެކެވެ. ރަމަޟާންމަސް ފެށެން 2 ހަފްތާއަށް ވެފައިވާއިރު ރަމަޟާންމަހަށް ތައްޔާތުވުމުގެ މަސައްކަތް އެސްޓީއޯއިން ދަނީ ވަރަށް ބާރަށް ކުރިއަށްގެންދަމުންނެވެ. އެގޮތުން އަސާސީ ބާވަތްތައް ބާޒާރުން ހުސްނުވެ ލިބެން ހުންނާނެކަން ކަށަވަރު ކުރުމުގެ މަސައްކަތް އެ ކުންފުނިން ގެންދަނީ ކުރަމުންނެވެ.
މިދިޔަ އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އާއި، މުގާއި ބިސް އަދި އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ނިންމަވާފައެވެ. މިތަކެތި ވިއްކުމުގެ ޒިންމާ ވަނީ އެސްޓީއޯއާއި ހަވާލުކުރައްވާފައެވެ.
އެސްޓީއޯއިން ވިދާޅުވީ، އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ 23 ބާވަތް މި ރަމަޟާންމަހުގެ ތެރޭގައި ހުސްނުވެ ބާޒާރުން ލިބޭނެކަން އެ ކުންފުނިން ކަށަވަރުކުރާނެކަމަށެވެ. މިއީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނިން އެންމެ މުހިންމު އިސްކަމެއް ދީގެން މިހާރު ކުރިއަށްގެންދާ މަސައްކަތެވެ.
މީގެއިތުރުން ހުޅުމާލޭގައި އެސްޓީއޯގެ އައުޓްލެޓެއް ހުޅުވުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ. ރަމަޟާންމަސް ފެށުމުގެ ކުރިން މިތަން ހުޅުވޭނެކަމަށް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ. މިތަން ހުޅުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް1 ގައެވެ. މި ފިހާރަ ހުޅުވުމުގެ ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެސްޓީއޯއިން ވިއްކާ ތަކެތި ފަސޭހައިން ލިބޭނެކަން ކަށަވަރުކުރުމެވެ. އަދި އަސާސީ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމަށް އެސްޓީއޯއިން ބާޒާރުމަތީގައި ހުޅުވާފައިވާ ހޯލްސޭލް ސެންޓަރުވެސް ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިހާރު ވަނީ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކޮށްފައެވެ.
މި ރަމަޟާން މަހުވެސް ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދީ ހިފަހައްޓާނެ ކަމުގެ ޔަޤީންކަން ސަރުކާރުންދޭއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ބާވަތްތައް ލިބޭނެކަން ކަށަވަރު ކުރުމަށްވެސް ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 3000 އިން މަތީގެ އާބާދީތަކުގައި އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ތަކެތި ލިބޭނެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ.
ސަރުކާރުން އަޅާ ފިޔަވަޅުތަކާއެކު ކުރިއަށް މިއޮތް ރަމަޟާން މަހަކީވެސް ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެ މަހަކަށް ވެގެންދާނެއެވެ. އަދި މިހާރު މިވަނީ، މިކަން ތަންފީޒު ކުރަންވެސް ފަށާފައެވެ. ކުދި ވިޔަފާރިތަކަށް ފަހި މާޙައުލެއް ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރާއިރު، އަސާސީ ކާބޯތަކެތި ވިއްކުމުގައިވެސް ސަރުކާރުން އިސްކަންދެނީ ހޯލްސޭލް ވިޔަފާރިއަށެވެ. މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ހެޔޮ އަގުގައި މުދާ ލިބޭނެކަން ކަށަވަރު ވާނެއެވެ.