ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަންނީ ހުނަރު ޕްރޮގްރާމެއް


  • މިއީ މަސައްކަތު ހުނަރުތައް ތަރައްޤީކޮށް ވަޒީފާއަށް މަގުފަހިކުރަން ހިންގާ ޕްރޮގްރާމެއް

  • މިތަމްރީންތަކުގައި 22 މީހުން ބައިވެރިވޭ

  • މިއީ އެމްކިއުއޭ ލެވެލްގެ ކޯސްތަކެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

މިތަމްރީންތަކުގައި ޖުމުލަ 22 މީހުން ބައިވެރިވެއެވެ.

މިތަމްރީނުތަކުގައި ހިންގަނީ ފޮޓޯގްރަފީ އާއި އާޓް ސްކިލްސްގެ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެކެވެ. މި ކޯސްތަކުގައި ކިޔަވައިދިނުމާއި ބައިވެރިންގެ ފެންވަރު ވަޒަންކުރުމުގެ ހުރިހާ ކަމެއް ބައްޓަންކޮށްފައިވަނީ، ބައިވެރިންގެ ޚާއްޞަ ބޭނުންތަކަށް ރިޢާޔަތްކޮށް، އެފަރާތްތަކަށް އެންމެ ފަސޭހަވާނެފަދަ އިންތިޒާމުތަކާއެކުކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ފޮޓޯގްރަފީ ކުލާސްތަކުގައި، ކެމެރާއާއި ފޮޓޯގްރަފީގެ ސާމާނު ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނާއި، ފޮޓޯ އެޑިޓްކުރުމުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދޭނެއެވެ. އާޓް ސްކިލްސް ކޯހުގެ ބައިވެރިންނަށް ކުރެހުމުގެ ފަންނާއި، ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދުންތެރި މަސައްކަތްތައް ކުރުމުގެ ތަމްރީނު ދޭނެއެވެ.

މި ތަމްރީނުތަކުގެ މައިގަނޑު އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ފަންނީ ހުނަރުވެރިކަން ތަރައްގީކުރުންކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

06 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީންތައް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ، ލެވެލް 3 ގެ ސެޓިފިކެޓެއް ލިބޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އިޖުތިމާޢީ އަދި އިޤްދިސާދީ އެކި ދާއިރާތަކުން ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ މިފަދަ ފަރާތްތަކުގެ ޝާމިލުވުން އިތުރުކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމުގެ ޕްރޮގްރާމެއްވެސް ވަނީ ފަށާފައެވެ.