ޚަބަރު

ރަޝިޔާ-ޔޫކްރެއިން މަޝްވަރާތަކުގެ ދެވަނަ ބުރު އަންނަ ހަފްތާގައި


2022ވަނަ އަހަރުން ފެށިގެން ކުރަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން އެމެރިކާއާއި ޔޫކްރެއިންއާއި ރަޝިޔާއާ ތިން ޤައުމުގެ ދެމެދުގައި އަންނަ ހަފްތާގައި އަނެއްކާ ވެސް މަޝްވަރާތައް ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ތިން ޤައުމުގެ ދެމެދުގައި މަޝްވަރާތަކުގެ ފުރަތަމަ ބުރު ބާއްވާފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅުގައެވެ. އެ މަޝްވަރާތަކުގައި ރަޝިޔާއިން ބާރުއަޅާފައި ވަނީ ޔޫކްރެެއިންގެ އިތުރު ބިންތައް ރަޝިޔާއަށް ދޫކޮށްލުމަށެވެ. ނަމަވެސް އެ ކަމަށް ޔޫކްރެއިނުން ދެކޮޅު ހަދައެވެ. މަޝްވަރާތައް ނިމިގެން ދިޔައީ ހަނގުރާމަ ހުއްޓައިލުމާ ގުޅޭގޮތުން މާ ބޮޑު ކުރިއެރުމެއް ނުލިބިއެވެ.

ފެބްރުއަރީ މަހުގެ 4ވަނަ ދުވަހާއި 5 ވަނަ ދުވަހު އަބޫ ދާބީގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްވަރާގެ ދެވަނަ ބުރުގައި އޮއްޓަރުހުރި ވާހަކަތައް ދެއްކުމަށް ޔޫކްރެއިނުން ތައްޔާރަށް އޮތް ކަމަށް އެ ޤައުމުގެ ރައީސް ވޮލޮޑޮ
މީރު ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. މަޝްވަރާތަކުގެ ނަތީޖާއަކީ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގާތަށް އެޅޭ ފިޔަވަޅަކަށް ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވިއެވެ.

ޔޫކްރެއިންގެ ކަރަންޓު ވިއުގައާއި ހަކަތައިގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން، ޔޫކްރެއިނުން ފިނި މޫސުމާ ކުރިމަތިލަމުންދާ މި ދުވަސްވަރު ކަރަންޓުގެ ޚިދުމަތަށް ވެސް ވަނީ ބުރޫއަރައިފައެވެ. ރަޝިޔާގެ ވެރި ރަށް ކީއިވްގެ 700އަށްވުރެ ގިނަ އެޕާޓްމަންޓަށް ކަރަންޓު ނުލިބި، އެ ތަންތަނުގައި ދިރިއުޅޭ މީހުން ދަނީ ގަދަ ފިންޏާ ކުރިމަތިލަމުންނެވެ. އެ ޤައުމުގެ ފިނިހޫނުމިން މި ދުވަސްވަރު ހުރީ މައިނަސް 15 ޑިގްރީގައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ޤައުމު އަދި އެއަށްވުރެ ފިނިވާނެއެވެ.

ރަޝިޔާއާއި ޔޫކްރެއިނުން މިހާރު ވަނީ ހަކަތައިގެ ދާއިރާއަށް ދޭ ޙަމަލާތައް މަޑުޖައްސައިލުމަށް އެއްބަސްވެފައެވެ. އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެދިލެއްވުމުގެ މަތިންނެވެ. އަންނަ ހުކުރު ދުވަހާ ހަމައަށް އެ އެއްބަސްވުން ދެމެހެއްޓުމަށް ހަމަޖެހިފައިވެއެވެ. ހަކަތައިގެ ދާއިރާއަށް ޙަމަލާ ނުދިން ނަމަވެސް އާންމުންނަށް އަމާޒުކޮށް ދޭ އެހެން ޙަމަލާތައް އަދިވެސް ދަނީ ދެމުންނެވެ.