ގއ. ގެމަނަފުށީ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ ލިމިޓެޑް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފިއެވެ.
އެއްބަސްވުމުގައި އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދެވެ.
މި މަޝްރޫޢުގެ ދަށުން ގއ. ގެމަނަފުށީގައި ކުރިން ޤާއިމުކުރުމަށް މަސައްކަތް ފަށާފައިވާ ނަރުދަމާ ނިޒާމުގެ ބާކީ ހުރި މަސައްކަތްތައް ނިންމައި ނިޒާމު ޓެސްޓްކޮށް ކަމިޝަން ކުރުން ހިމެނެއެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، ރަށުގައި މީހުން އާބާދުވެފައިވާ ހުރިހާ ސަރަހައްދެއްގައި ނަރުދަމާ ހޮޅި އެޅުމާއި ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ގޭބީސީތަކަށް ނަރުދަމާ ކަނެކްޝަން އެޅުމުގެ މަސައްކަތް ހިމެނެއެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފަވަނީ 17.6 މިލިޔަން ރުފިޔާއަށް 6 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. ގެމަނަފުށީގައި 2023ވަނަ އަހަރު ވަނީ ފެނުގެ ނިޒާމު ޤާއިމުކޮށް ބޭނުންކުރަން ފަށާފައެވެ. ގެމަނަފުއްޓަކީ 1300އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ.
ސަރުކާރު ހަވާލުވިއިރު، މިގޮތަށް މަސައްކަތް ފަށާ ނުނިމި ހުރި ވަރަށް ގިނަ ރަށްތައް ހުއްޓެވެ. އެފަދަ ކޮންޓްރެކްޓަރ ބާތިލުކޮށް، އަލުން ކޮންޓްރެކްޓަރުންނާ ހަވާލުކޮށް ގިނަ މަސައްކަތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.