ޚަބަރު

ހިޔާ 8ވަނަ ޓަވަރުގައި ހަރުކުރި އިތުރު ލިފްޓުގެ ބޭނުންކުރަން ފަށައިފި


  • 16 ޓަވަރުގައި ޖުމުލަ 32 ލިފްޓް ހަރުކުރޭ

  • މިހާތަނަށް 8 ޓަވަރުގެ މަސައްކަތް ވަނީ ނިންމާފައި

  • ހުރިހާ ޓަވަރުތަކެއްގައިވެސް މަސައްކަތް ދަނީ ކުރަމުން

ހިޔާ 8ވަނަ ޓަވަރުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށައިފިއެވެ.

ހިޔާ ޓަވަރުގެ ކޮންމެ އިމާރާތެއްގައި އިތުރު 2 ލިފްޓް ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ހިޔާ ސަރަޙައްދުގެ ރައްޔިތުންނަށް ވެފައިވާ ވަޢުދެކެވެ.

ހިޔާ ޓަވަރުގެ ލިފްޓް ހަރުކުރުމުގެ މަސައްކަތްތައް ފެށީ، 2024ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

ލިފްޓް ހަރުކުރުމުގެ މަސައްކަތުގައި ސިވިލް އަދި ސްޓްރަކްޗަރގެ ހުރިހާ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި ލިފްޓްތައް ބެހެއްޓުމުގެ %86 މަސައްކަތް ވަނީ ނިމިފައެވެ. މިއާއެކު މުޅި މަޝްރޫޢުގެ %89 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މިހާތަނަށް 8 ޓަވަރުގެ ހުރިހާ މަސައްކަތެއް ނިންމާ ވަނީ ބޭނުން ކުރަން ފަށާފައެވެ. އެއީ، ހިޔާ ޓަވަރު އެޗް1، އެޗް2، އެޗް3، އެޗް4، އެޗް5، އެޗް6، އެޗް7 އަދި އެޗް8 އެވެ.

އިތުރު 5 ޓަވަރުގައި މިހާރު ކުރަމުންދަނީ، އެންމެ ފަހުގެ ޓެސްޓިންގ މަސައްކަތްތަކެވެ. އެޗްޑީސީން ވިދާޅުވީ، ބާކީ ހިމެނޭ ޓަވަރުތަކުގައިވެސް މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތްތަކަށް ބޭނުންވާ ސާމަނުވެސް ހަމައަށް ލިބިފައިވާ ކަމަށެވެ.

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް އެޗް.ޑީ.ސީން ޙަވާލުކޮށްފައިވަނީ، ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެވެ.

ހިޔާގެ 16 ޓަވަރު ހުންނައިރު އެއިން ކޮންމެ ޓަވަރަކަށް 2 ލިފްޓް އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެހެންކަމުން ޖުމުލަ 32 ލިފްޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، ސްޓްރެޗަރ ނުވަތަ ބަލި މީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ އިތުރު ލިފްޓެކެވެ.