ޚަބަރު

"އަމާޒަކީ ފެބްރުއަރީ ފުރަތަމަ ދެ ހަފުތާ ތެރޭގައި މަސްދަޅު ކޭސް ހަވާލުކޮށް ނިންމާލުން"


  • މިހަފުތާ ނިމުމުގެ ކުރިން އަތޮޅުތެރޭގައި މަސްދަޅު ކޭސް ބަހަން ފެށޭނެ

  • 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެ

އަމާޒަކީ މި ފެށޭ ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި މަސްދަޅު ކޭސް ހަވާލުކޮށް ނިންމާލުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ބަހާ، މަސްދަޅު ކޭސް ހަވާލުކުރުމުގެ މަސައްކަތް ފެށުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށްގެންދަނީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ. މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، މިއަހަރުގެ ރަމަޟާން މަހު ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުކޭސްތައް ތައްޔާރުކުރުމުގެ މަސައްކަތް މިފްކޯއިން ދުރާލައި ނިންމައި، އެމްޕީއެލްއާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިވަގުތު މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް މަސްދަޅު ކޭސްގެ ސްޓޮކް ހުންނާނެ ކަމަށެވެ. އަދި މި ހަފުތާ ނިމެންވާއިރަށް ހުރިހާ ރަށެއްގައިވެސް މަސްދަޅު ކޭސް ބަހަން ފަށައި އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެންމެ ލަސްވެގެން މިހަފުތާ ނިމެންވާއިރަށް ހުރިހާ އަތޮޅެއްގައިވެސް ބެހުމުގެ މަސައްކަތް އަޅުގަނޑުމެންނަށް ކުރިއަށްގެންދެވޭނެކަމަށް. އަޅުގަނޑުމެން ޓާގެޓް މިކުރަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ހަފުތާގެ ކުރިން އެއްކޮށް މި މަސައްކަތް ނިންމާލުން. އަޅުގަނޑުމެން ވަރަށް އުފާކުރަން މިކަހަލަ ކަމެއް ކުރިއަށްދާއިރު ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުން ލިބެމުން އެބަދޭ، އަދި ތަރުހީބުވެސް ވަރަށް ބޮޑު އިނގޭތޯ،" ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ގޭބީސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ފަށާފައިވާއިރު ކޮންމެ ރެއަކު 8:00 އިން ފެށިގެން 11:00 އަށް މަސް ދަޅު ކޭސް ދޫކުރާނެއެވެ.

މަސްދަޅު ކޭސް ދޫކުރުމަށް ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގުމަށް ވަނީ ހުޅުވާލާފައެވެ. ކޮންމެ ރެއަކު 300 ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާއިރު ކޮންމެ ކަރަންޓް މީޓަރަކަށް މަސްދަޅު ކޭހެއް ދޫކުރާނެއެވެ.

މިފްކޯ މަރުކަޒު
ސޯޝަލް ސެންޓަރު
އެމްޓީސީސީ ސޯމިލު
ހެންވޭރު ބޯޅަދަނޑު
ގަލޮޅު ދަނޑު

ޢުމަރުޒާހިރު ބިލްޑިން
ޕޮލްކޯ ޓަވަރ
މުހައްމަދު ޤާސިމް ޕްރީސްކޫލް

ހުޅުމާލެ ފޭސް 2ގައި މަސްދަޅުކޭސް ބަހާ ތަންތަން:

ކާމިލުދީދީ ސްކޫލް
ހިޔާޓަވަރު 10
އެމްޕީއެލް ޓަވަރު ޕީ

ވިލިމާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:

ވެމްކޯސައިޓު

ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރަން ނިންމާފައިވާއިރު މީގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީއެވެ.