ޚަބަރު

ޑާވޯސްގައި ކުރިއަށްދިޔަ މަޝްވަރާތަކުން ފާހަގަކޮށްލެވޭ ބައެއް ނުކުތާތައް


މި މަހުގެ 19އިން 23އަށް ސްވިޒަލެންޑުގެ ޑާވޯސްގައި ކުރިއަށްދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގެ 56ވަނަ ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤައުމުތަކުގެ އިސްވެރިންނާއި ވިޔަފާރިވެރިންނާއި ސިޔާސަތުތައް ކަނޑައަޅާ ބޭފުޅުން އެއްވެ، ޤައުމުތަކާއި އިޤްތިޞާދީ ދާއިރާއަށާއި ޓެކްނޮލޮޖީގެ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަަލަތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެ ބައްދަލުވުމުން އެންމެ ފާހަގަކޮށްލެވުނީ އެމެރިކާއާއި އެ ޤައުމަށް ވާގިވެރިވާ ޤައުމުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ދުނިޔޭގެ އިޤްތިޞާދީ ހަމަޖެހުމާމެދު ހުރި ކަންބޮޑުވުންތަކާއި، އޭއައިގެ ދާއިރާގެ ކުރިމަގާއި ހަކަތައިގެ ސިޔާސަތުތަކާމެދު ހުރި ކަންބޮޑުވުންތަކެވެ.

ޑާވޯސްގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިވަޑައިގެންފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށެވެ. އެ ބައްދަލުވުމުގައި ވިލާތުގެ ޤައުމުތަކުން ވަނީ އެމެރިކާއިން ގްރީންލޭންޑް އިސްތިއުމާރު ކުރުމަށް ކުރަމުންދާ މަސައްކަތަށް ދެކޮޅުހަދައިފައެވެ. ވިލާތުގެ ޤައުމުތަކުން އެކަތިގަނޑެއްގެ ގޮތުގައި ޓްރަމްޕްއާ ދެކޮޅަށް ތެދުވުމުން ޙިއްޞާގެ ބާޒާރުން އެ ކަމުގެ އަސަރު ވަނީ ފެނިފައެވެ. ގްރީންލޭންޑު ހިފުމަށް އެމެރިކާއިން ބާރުގެ ބޭނުން ނުކުރާނެ ކަމަށް މިހާރު ބުނެފައިވާއިރު، އެ ނިންމުން ނިންމުމުގައި ވިލާތުގެ ނިންމުމާއި ޙިއްޞާގެ ބާޒާރަށް ކުރި އަސަރު ކޮންމެވެސް ދައުރެއް ޢަދާކުރިކަން ޔަޤީނެވެ. ޑާވޯސްގައި ކަން ހިނގައިދިޔަ ގޮތުން އެމެރިކާއާއި ވިލާތާ ދެމެދު އޮތް ގުޅުމަށް ކޮށްފައިވާ އަސަރު ހާމަވެގެން ދިޔައެވެ. އަދި ބޮޑެތި މައްސަލަތަކުގައި ވިލާތުގެ އިއްތިޙާދުން އަވަސް ނިންމުންތައް ނިންމަންޖެހޭ ކަން ހާމަވިއެވެ.

ޑާވޯސްގައި ޔޫކްރެއިން-ރަޝިޔާއާ ގުޅޭ މާ ބޮޑު ވާހަކަތަކެއް ފުރަތަމަ ދެކެވިފައެއް ނުވެއެވެ. ނަމަވެސް ފަހުން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވަނީ ޑާވޯސްއަށް ވަޑައިގެންފައެވެ. އެއާއެކު އެ މައްސަލައަށް ސަމާލުކަން ލިބިގެން ދިޔައެވެ. 2022ވަނަ އަހަރު ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ރަޝިޔާގެ މަންދޫބަކު ވެސް ޑާވޯސްއަށް ހާޒިރުވެފައިވާއިރު، އެމެރިކާއާއި ޔޫކްރެއިންއާއި ރަޝިޔާއިން ކުރި މަޝްވަރާތަކުގައި ޞުލްޙަ ޤާއިމްކުރުމަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައެއް ނުވެއެވެ.

އެމެރިކާއިން ވިލާތުގެ ޤައުމުތަކުން ނަގައި ޓެރިފްތައް ބޮޑުކުރުމަށް ހުށަހެޅުމުން ވިޔަފާރިވެރިން ވަނީ އެމެރިކާއާއެކު ވިޔަފާރިކުރުމުގައި އިތުބާރު ކުޑަވެފައިވާ ކަމަށް ބުނެފައެވެ. އަދި ކުއްލިކުއްލިއަށް ބަދަލުނުވާ ސިޔާަސަތުތައް އޮތުމާއި ސިންދަފާތު ކުރެވިފައިވާ ވިޔަފާރިއާއި އިޤްތިޞާދީ ހަމަޖެހުމުގެ މުހިންމުކަން ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން އީލޮން މަސްކް ހިމެނޭ ގޮތަށް ޓެކް ލީޑަރުން ވަނީ އޭއައިއާ ގުޅޭ މުހިންމު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފަައެވެ. އޭއައިގެ ކުރިމަގު އުޖާލާވުމާ އެކުއެކީގައި އޭއައިގެ ސަބަބުން މީހުންގެ ވަޒީފާ ގެއްލުމާ ގުޅޭގޮތުން ކަމާބެހޭ މާހިރުން ވަނީ ވާހަކަދައްކަވައިފައެވެ. ޔޫނިއަންތަކުން ވަނީ އޭއައިއާ ގުޅޭ ޤަވާއިދުތައް އެކުލަވާލައި، މުވައްޒަފުންނަށް އިތުރު ހުނަރުތައް ދަސްކޮށްދިނުމަށް ގޮވާލައިފައެވެ.

ހަކަތައިގެ ދާއިރާއަށް ބަލާނަމަ، ދުނިޔޭގެ ބޮޑެތި ތެޔޮ ކުންފުނިތަކުން ބަނީ ފޮސިލް ފިއުލް އުފައްދާ މިންވަރު އިތުރުކޮށް، ވައިން އުފައްދާ ހަކަތަ މަޑުޖައްްސައިލުމަށް ގޮވާލައިފައެވެ. ނަމަވެސް މަސްކު ހިމެނޭހެން އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ވަކާލާތުކުރާ ފަަރާތްތަކުން ވަނީ އެ ކަމަށް ދެކޮޅު ހަދައި، ޓެރިފް ކުޑަކުރާނަމަ އިރުގެ އަލިން އުފައްދާ ހަކަތަ ބޭނުންކޮށްގެން ގިނަ ކަންތައްތަކެއް ޙާޞިލް ކުރެވިދާނެ ކަމަށް ފާހަގަކޮށްފައެވެ.

ދިފާޢީ އަދި އަސްކަރީ ދާއިރާއަށް ޚަރަދުކުރުން އިތުރުކުރުމާ ގުޅޭގޮތުން ވެސް ޤައުމުތަކުގެ ލީޑަރުން ޑާވޯސްގައި ވާހަކަދައްކާފައިވެއެވެ. ޓްރަމްޕް ވަނީ އެމެރިކާއިން ވެނެޒުއެލާގެ ރައީސްގެ މަޤާމުގައި އޭރު ހުންނެވި ނިކޮލަސް މަދޫރޯ މި މަހުގެ ކުރީކޮޅު ހައްޔަރުކޮށްގެން ގެންދިޔުމުގައި “ސިއްރު ސުޕަސޮނިކް” ހަތިޔާރެއް ބޭނުންކުރެއްވި ކަމަށް ވިދާޅުވެފައެވެ.