ތަރައްޤީގެގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ކަނޑުގެ މަގުން ކުރާ ދަތުރުތަކުގެ އިތުރުން، ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަކީ މުހިންމުކަމެއްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެވެ.
ވަޒީރު މިހެން ވިދާޅުވީ ނ. ވެލިދުއަށް މޯލްޑިވިއަންގެ ސީޕްލޭންގެ ޙިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެލިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވައުދުވެވަޑައިގެންނެވި ފަދައިން ސީޕްލޭންގެ ޙިދުމަތް މިހާރު ވަނީ ފެށިގެން ގޮސްފައިކަމަށެވެ. އެގޮތުން މި ޚިދުމަތަކީ ވެލިދުއާއި ފޮއްދޫގެ ރައްޔިތުންނަށްވެސް ވަރަށް އުފާވެރި ދުވަހެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ސަރަހައްދުގެ ލޯކަލް ޓުއަރިޒަމް ކުރިއެރުމާއި އުމްރާނީ ތަރައްޤީއަށްވެސް މި ކަމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަމީން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިލެންޑު އޭވިއޭޝަންއިން ދަނީ ގިނަ ހިދުމަތްތަކެއް ޤާއިމްކުރަމުންކަމަށެވެ. ހާއްސަކޮށް ރައީސްގެ އިސްނެގުމުގެ ދަށުން މިހާރުވެސް ރާއްޖޭގެ 2 ސަރަހައްދެއްގައި ސީޕްލޭންގެ ޙިދުމަތް ދެމުންދާއިރު ވެލިދޫއަކީ 3 ވަނަ ސަރަހައްދުކަން ފާހަގަކުރެއްވިއެވެ. އަދި އަންނަމަހު ރައީސްގެ ވައުދާ އެއްގޮތަށް ތޮއްޑޫއަށްވެސް ސީޕްލޭންގެ ދަތުރުތައް ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އަބާދީގެ ނިސްބަތަށް ބަލާއިރު ސީޕްލޭން އޮޕަރޭޝަނަކީ ޙަރަދު ބޮޑު މަސައްކަތެއްނަމަވެސް އަތޮޅުތެރޭގެ ތަރައްޤީއާއި ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް މިއީ މުހިއްމު މަސައްކަތެއްކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
" ރާއްޖޭގެ އާބާދީ ނިސްބަތަށް ބަލާއިރު މީ ވަރަށް ހަރަދު ބޮޑުކަމެއް، އެހެންނަމަވެސް ތަރައްޤީގެ ގޮތުންނާއި ލޯކަލް ޓުއަރިޒަމް ކުރިރުވުމުގެ ގޮތުން އަދި އުމްރާނީ ގޮތުންވެސް ކުރަންޖެހޭ ކަންކަން ކުރުމުގައި ދަތުރު ފަތުރުގެ ނިޒާމަކީ މުހިންމުކަމެއް. އެގޮތުން ކަނޑުގެ މަގުން އޮންނަ ނެޓްވޯކުގެ އިތުރުން ވައިގެ މަގުން ނެޓްވޯކް އިތުރުކުރުމަކީ މުހިންމު ކަމެއް" ވަޒީރު އަމީން ވިދާޅުވިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ މިމަހުގެ ތެރޭގައި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ އަތޮޅާއި ފުވައްމުލަކާއި ގއ.އަތޮޅު އަދި ގދ. އަތޮޅު ގުޅުވާލުމަށް ނިންމާފައިވާކަމަށެވެ. ގަމަކީ މައި ބޭސްކަމަށް ބަލައިގެން މަސައްކަތް ކުރާއިރު މި މަސައްކަތް ދެމެހެއްޓެނިވި ގޮތެެއްގައި ކުރިއަށް ގެންދެވިއްޖެނަމަ އައްޑޫއާއި ހުވަދުއަތޮޅުގައި ލޯކަލް ޓުއަރިޒަމް ތަރައްޤީކުރުމަށް ކުރިއެރުންތަކެއް ލިބޭނެކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.