އިލެކްޝަންސް ކޮމިޝަނުގައި ހުރި އެއްވެސް މަޢުލޫމާތެއް ހުއްދަ ނެތް ފަރާތަކަށް ބޭނުމެއް ނުކުރެވޭނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ވިދާޅުވީ އިލެކްޝަންސްގެ މައި ޕޯޓަލްގައި ހުންނަ މަޢުލޫމާތު ބައެއް ސިޔާސީ ޕާޓީތަކަށް ލިބޭކަމަށް ބުނެ ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާތީއެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އެ ކޮމިޝަނުގައި ޤާއިމުކޮށްފައިވާ ނިޒާމުތަކަކީ، ރައްކާތެރިކަމާއެކު މައުލޫމާތު ރައްކާތެރިކުރެވި، އެމަޢުލޫމާތު ބޭނުންކުރަންޖެހޭ ޙާލަތްތަކުގައި، ހުއްދަލިބިފައިވާ ފަރާތްތަކަށް އެކަނި ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ނިޒާމުތަކެއްކަމަށް ރައްޔިތުންނަށް ކަށަވަރުކޮށްދޭކަމަށެވެ.
އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަމަށް އެދި ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި، ހުށަހެޅުމާމެދު ނިންމިގޮތް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ކެންޑިޑޭޓަކަށް ވުމަށް އެދި ފޯމު ލިބެމުންދާ މިންވަރަކުން އެ ކޮމިޝަނުން ޖަވާބުދެމުންދާކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.
އެހެންކަމުން ކޮމިޝަނުން ދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން ޢާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ނުފެތުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.