2023ވަނަ އަހަރުގެ އޮކްޓޯބަރު މަަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް ގެނައުމަށް، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ޔަހޫދީ ސިފައިން ޙަރަކާތްތެރިވާ ސަރަޙައްދު ވަކިކޮށްދޭ ރީނދޫ ރޮގަށް ޔަހޫދީން ބަދަލުގެނެސްފައިވާ ކަން ސެޓެލައިޓު ފޮޓޮއިން ހާމަވެއްޖެއެވެ.
ޣައްޒާގައި ޔަހޫދީ ސިފައިން ޙަރަކާތްތެރިވާ ސަރަޙައްދު ވަކިކުރުމަށް ރީނދޫ ކުލަ ޖައްސާފައިވާ ބޮޑެތި ގައު ބޭނުންކޮށްގެން ފާހަގަކޮށްފައިވާ އިން ޔަހޫދީން ބަދަލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ގޮތުން ޙަމާސްގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުގެ ތެރެއަށް ވާ ގޮތަށް އެ ގައުތައް އެތެރެއަށް ޖައްސާ، ޔަހޫދީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދު ބޮޑުކޮށްފައިވާ ކަމަށް ސެޓެލައިޓު ފޮޓޮއިން ދައްކައެވެ. ޣައްޒާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ އަލް-ތުއްފާޙްގެ ބައެއް ސަރަޙައްދުގަކުގައި 200 މީޓަރަށްވުރެ ބޮޑަށް އެ ރީނދޫ ރޮނގު ޙަމާސްގެ ސަރަޙައްދުގެ އެތެރެއަށް ޔަހޫދީން ވަނީ ވައްދާފައެވެ. އެ ކަން ޙާޞިލް ކުރުމަށް ޔަހޫދިން ވަނީ 40ވުރެ ގިނަ އިމާރާތް ބިމާ ހަމަކޮށް، އެ ސަަރަޙައްދުގައި ދިރިއުޅެމުންދިޔަ މީހުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުކޮށްފައެވެ.
އަލްތުއްފާޙްގެ އިތުރުން ޚާން ޔޫނިސް ހިމެނޭހެން ބައެއް އެހެން ސަރަޙައްދުތަކުގައި ވެސް ޔަހޫދީން ރީނދޫ ރޮނގަށް ބަދަލުގެނެސްފައިވެއެވެ. އަދި ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ކަމަށް ދައްކައި އިތުރުކޮށްފައިވާ ސަރަޙައްދުތަކުގައި ޔަހޫދީންގެ އަސްކަރީ ބިނާތައް ވެސް ބިނާކޮށްފައިވެއެވެ.
ހީލަތްތެރި ޔަހޫދީން ރީނދޫ ރޮނގުން ވަކިކޮށްދޭ އިމަށް ގެނެސްފައިވާ ބަަދަލުގެ ސަބަބުން ޣައްޒާގެ ސަރަޙައްދާއި، އާންމުންގެ ރައްކާތެރިކަމާމެދު ވަނީ ކަންވޮޑުވުން އިތުރުވެފައެވެ. ޣައްޒާގެ ދެ މިލިޔަނެއްހާ ރައްޔިތުން އެއް ސަރަހައްދުތަކަކަށް ތޮއްޖެހި ނިކަމެތި ޙާލެއްގައި ދިރިއުޅެމުންދާއިރު، ޙަމާސުން ބުނީ އެ ރޮނގަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް އަނެއްކާ ވެސް ޣައްޒާގެ ހުޅަނގަށް ދިޔުމަށް މަޖުބޫރުވެފައިވާ ކަމަށެވެ.
ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމެއް ޤާއިމްކޮށްފައި އޮތް ނަމަވެސް ޔަހޫދީން ދަނީ ތަކުރާރުކޮށް ޣައްޒާއަށް ޙަމަލާ ދެމުންނެވެ.