ޚަބަރު

ހުސެއިން އަލިމަނިކުގެ "ވިވިޑް ރިއަލިޒަމް" އެގްޒިބިޝަން ހުޅުވައިފި


  • އެގްޒިބިޝަން ހުޅުވައިދެއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

  • އެގްޒިބިޝަނަށް ހާއްސަ ފޮތެއް ވަނީ ނެރެދެއްވާފައި

  • މި އެގްޒިބިޝަނުގައި ޖުމްލަ 15 އާޓްވޯކެއް ފެންނާނެ

މަޝްހޫރު ކުރެހުންތެރިޔާ ހުސެއިން އަލިމަނިކުގެ އެގްޒިބިޝަން "ވިވިޑް ރިއަލިޒަމް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހުޅުވައިދެއްވައިފިއެވެ.

މި އެގްޒިބިޝަން ކުރިއަށްދަނީ ނޭޝަނަލް އާޓް ގެލަރީގައިއެވެ.

"ވިވިޑް ރިއަލިޒަމް - މައި ޖާނީ ތްރޫ ދަ ކަލަރސް އޮފް ނޭޗަރ" އަކީ ކުރެހުންތެރިޔާ ހުސެއިން އަލިމަނިކުގެ ތަފާތު އެކި ކުރެހުންތައް ދައްކާލުމަށް ބާއްވާ އެގްޒިބިޝަނެކެވެ.

ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެގްޒިބިޝަން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ. މިރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި އެގްޒިބިޝަނަށް ހާއްސަ ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނެރެދެއްވިއެވެ. އަދި މި އެގްޒިބިޝަންގައި ހުރި ކުރެހުންތައް އެކަމަނާ ބައްލަވާލެއްވިއެވެ.

ހުސެއިން އަލިމަނިކުގެ މި އެގްޒިބިޝަންގެ ތެރެއިން، ދިވެހި ސަޤާފާތާއި ތާރީހު އަދި ދިވެހިވަންތަކަން ދައްކުވައި ދޭނެކަމަށާއި، ކޮންމެ ކުރެހުމަކުންވެސް ދައްކުވައިދެނީ ޤައުމީ ރޫޙް ކަމަށް އެގްޒިބިޝަން އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

ހުސެއިން އަލިމަނިކުގެ ވިވިޑް ރިއަލިޒަމްގައި އެގްޒިބިޝަންގައި ޖުމްލަ 15 އާޓްވޯކެއް ދައްކާލާނެއެވެ. އެއީ 7 ޑިޖިޓަލް އާޓްވޯކާއި، 7 އޮއިލް ޕެއިންޓެކެވެ.

ހުސެއިންގެ މި އެގްޒިބިޝަން ކުރިއަށްދާނީ މި މަހުގެ 23 އިން 30 އަށް ނޭޝަނަލް އާޓް ގެލަރީގައެވެ. އެގްޒިބިޝަން ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ. ހުކުރު ދުވަހު އެގްޒިބިޝަން ހުޅުވިފައި ހުންނާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.