އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވި ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް އިރާނުން ހުށަހެޅި 10 ނުކުތާގެ ތެރެއިން ތިން މާއްދާއަކާ، މަޝްވަރާތައް ފެށުމުގެ ކުރިންވެސް ވަނީ އެމެރިކާއިން ޚިލާފުވެފައެވެ.
ފެބްރުއަރީ 28ގައި އީރާނާ ދެކޮޅަށް ފެށި ނިރުބަވެރު ޢުދުވާނު ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ. އަދި އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި އީރާނުން ވަނީ ޔަހޫދީންގެ މުޙިއްމު ބިނާތަކާއި ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ރައްދު ޙަމަލާތައް ދިނުމުގެ އިތުރުން މެދުއިރުމަތީގެ ތެޔޮ ދުނިޔެއަށް ސަޕްލައި ކުރުމަށް ބޭނުންކުރާ މައި މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅު ވެސް ބަންދުކޮށްފައެވެ.
ޙަމަލާތައް ހުއްޓައިލަން އެއްބަސްވުމަކަށް އައިސްފައިވަނީ، އީރާނަށް ދެމުންދާ ޢުދުވާނުތައް ވަރުގަދަކޮށް، މުޅި ޤައުމު އެކީގައި ސުންނާފަތިކޮށްލާނެކަމުގެ އިންޒާރާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސުންގަނޑި ހަމަވާން ކައިރިވެފައިވަނިކޮށެވެ.
ކުރިއަށް އޮތް ދެ ހަފްތާއަށް ޙަމަލާތައް މެދުކަނޑައިލަން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް އެއްބަސްވެފައިވާކަމަށް އީރާނުން ވަނީ އިޢުލާނުކޮށްފައެވެ. އަދި އީރާނަށް ޙަމަލާ ނުދޭނެމަ އެ އެއްބަސްވުމަށް އީރާނުން އިޙްތިރާމް ކުރާނެކަމަށް ވެސް ވަނީ ބުނެފައެވެ.
އެމެރިކާއިން ޙިލާފުވެފައިވާ މާއްދާތަކުގެ ތެރޭގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ފާހަގަކުރެއްވި ފަދައިން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ލުބުނާނަށްވެސް ފުޅާކުރުމަށް އޮތް ފަހުމާ ޚިލާފުވުން ހިމެނޭ ކަމަށް ޤާލީބާފް ވިދާޅުވިއެވެ. މީގެ އިތުރުން، އީރާނުގެ ވައިގެ ސަރަޙައްދަށް "ޖާސޫސީ ޑްރޯންއެއް" ވަދެފައިވާ ކަމަށާއި، މިއީ އެފަދަ ކަންކަން މަނާކުރާ މާއްދާއާ ކަނޑައެޅިގެން ޚިލާފުވުން ކަމަށް ޤާލީބާފް ވިދާޅުވިއެވެ. އަދި ޔުރޭނިއަމް މުއްސަނދިކުރުމުގެ އިރާނުގެ ޙައްޤަކީވެސް މި 10 ނުކުތާގެ ތެރޭގައި ހިމެނޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"މަޝްވަރާތައް ފެށުމުގެ ކުރިންވެސް، މަޝްވަރާ ކުރުމަށް އޮތް 'އަމަލީ އަސާސްތަކާ' މިވަނީ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފުވެފައެވެ. މިފަދަ ޙާލަތެއްގައި، ދެފަރާތުން ހަނގުރާމަ ހުއްޓާލުމަކަށް ދިއުމަކީ ނުވަތަ މަޝްވަރާ ކުރުމަކީ ބުއްދިވެރި ކަމެއް ނޫން،" ޤާލީބާފް ވިދާޅުވިއެވެ.