ދިއްދޫ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ.
ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިމަހުގެ 5ވަނަ ދުވަހުއެވެ. މުޅި މަޝްރޫޢުގައި ޖުމުލަ 115 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
އެމްއޭސީއެލްއިން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށެވެ. އެއީ މަޝްރޫޢުގެ %36.61 މަސައްކަތެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢަކީ ދިއްދޫގައި އެއަރޕޯޓް ތަރައްޤީކުރުމާއި ދިއްދޫގެ ބޯހިޔާވަހިކަމަށް ބޭނުންކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ދިއްދޫ ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. ޓްރެއިން ސަކްޝަން ހޮޕަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ، 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.
މިއީ، ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރުން ގެނައި 3 ވަނަ ޑްރެޖަރެވެ.
އަދި މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު މިހާރު އޮތް ދިއްދޫ ބިމުގެ ބޮޑުމިން ދެ ގުނައަށް އިތުރުވާނެއެވެ.
ދިއްދޫގެ ރަޖިސްޓްރީވެފައިވާ އާބާދީއަކީ 5000 ނަމަވެސް، ރަށުގައި ތަޢުލީމާ ޞިއްޙީ ފަރުވާފަދަ ބޭނުންތަކަށް އެރަށަށް ހިޖުރަކޮށް ދިރިއުޅޭ މީހުންނާއެކު ރަށުގައި ދިރިއުޅޭ އާބާދީ 7000އަށް އަރައެވެ.
ދިއްދުއަކީ ހއ.ގެ އަތޮޅު ވެރިކަން ކުރާ ރަށެވެ.
ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށާއި ސަރަޙައްދުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ.
ދިއްދޫގައި ތަރައްޤީކުރާ އެއާޕޯޓާއެކު ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަވެ އަދި މުޅި އެ ސަރަޙައްދަށް އިޤްތިޞާދީ ބޮޑެތި ކުރިއެރުންތައް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.