ޚަބަރު

މާލެ ސަރަޙައްދުގައި 37 ދިވެހި ޙާފިޡުން ހިފްޒުކޮށް ތަރާވީޙު ނަމާދު ކުރާނެ


  • އިސްލާމީ މަރުކަޒާ ސަލްމާން މިސްކިތުގައިވެސް ތަރާވީސް ކުރާނީ ދިވެހި ޙާފިޡުން

  • މާލޭ ސަރަޙައްދުގައި 47 މިސްކިތް ހުރޭ، ގިނަ މިސްކިތްތަކުގައި ތަރާވީސް ކުރާނެ

މިފަހަރު މާލެ ސަރަޙައްދުގައި 37 ދިވެހި ޙާފިޡުން އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދުކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މީގެތެރޭގައި ގިނައީ ޒުވާން އަދި ރީތިކޮށް ޤުރުއާން ކިޔަވާ ޙާފިޡުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ރަމަޟާންމަހު މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުންނަށް އެ ފުރުޞަތު ހުޅުވާލީ ނޮވެމްބަރު މަހުއެވެ. މި މަސައްކަތް ކުރަނީ ކައުންސިލްތަކާ ގުޅިގެންނެވެ.

ވަޒީރު ވިދާޅުވީ މިފަހަރު ރޯދަމަހު އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނަށް ޚުޠުބާ ކިޔަން ފުރުޞަތު ދޭނެކަމަށެވެ. އެ ދެ މިސްކިތުގައިވެސް އިމާމުވެ ތަރާވީސްކުރާނީ ދިވެހި ހާފިޒުންނެވެ.

ވަޒީރު ވިދާޅުވީ ކުރުކޮށް ކިޔަވައި ނަމާދުކުރާ މިސްކިތްތައް އިތުރުކޮށްފަވާކަމަށާއި ބޮޑެތި ބައެއް މިސްކިތްތަކުގައި ވެސް ކުރުކޮށް ކިޔަވައި ތަރާވީސް ނަމާދު ކުރުމަށް ފުރުޞަތު ފަހިކޮށްފައިވާނެކަމަށެވެ. އެއީ އެފަދަ ޖަމާޢަތްތަކަށް ގިނަ މީހުން އެއްވާތީކަމަށް ވަޒީރު ވިދާޅުވިއެވެ.

ޢާއްމުކޮށް ކުރުކޮށް ކިޔަވައި ތަރާވީސްކުރާ، މިސްކިތެއްކަމުގައިވާ މަޖީދީ މަގުގައި ހުންނަ ސުލްޠާން ޢާދިލް މިސްކިތް (ގަލޮޅު ދަނޑު ކުރިމަތި)، އެ މިސްކިތުގައި މިފަހަރު ކުރާނީ ދިގުކޮށް ހިފްޒުކޮށްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބަރުބަރީ މިސްކިތުގައި ކުރުކޮށް ނަމާދުކުރުމަށް ވަނީ ހަމަޖައްސާފައެވެ.

ވަޒިރު ވިދާޅުވީ މި ބަދަލު ގެނައުމަށް ނިންމީ ޢާދިލް މިސްކިތުގައި ކުރުކޮށް ނަމާދު ކުރާތީވެ، ޖަމާޢަތް ބޮޑުވެގެން ގޮސް މަޖީދީ މަގު ބަންދުވެ ރައްޔިތުންނާއި ދުއްވާ އުޅަނދުތަކަށް ދަތިތައް ދިމާވާތީވެ އެކަމަށް ހައްލެއް ހޯދުމަށެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އަމާޒަކީ 2027 ވަނަ އަހަރު މާލެ ސަރަޙައްދުގައި ތަރާވީސްކުރާ ހުރިހާ މިސްކިތްތަކުގެ އިމާމުންނަކީ ދިވެހިންނަށް ހެދުންކަމަށެވެ. މިހާރު މާލޭގެ ބައެއް މިސްކިތްތަކަށް ރަމަޟާން މަހު ބޭރުގެ ޙާފިޡުން ގެނެއެވެ.

ރާއްޖޭގެ އެކި ސަރައްދު ތަކުގައި މިފަހަރު ވެސް ގިނަ ޢަދަދެއްގެ ދިވެހި ޙާފިޡުން އިމާމުވެ ތަރާވީސްކުރާނެއެވެ. މިފަހަރު މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތްތަކުގައި އިމާމުވެ އީދު ނަމާދު ކުރާ އިމާމުންގެ ތެރޭގައިވެސް ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުން ހިމެނޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މާލޭ ސަރަޙައްދުގައި 47 މިސްކިތުގައި ނަމާދުކުރެއެވެ. މީގެތެރެއިން ގިނަ މިސްކިތްތަކުގައި ތަރާވީޙް ނަމާދު ކުރެއެވެ.