ޚަބަރު

މޮނާކޯ އަތުން ރެއާލް އަށް ފަސޭހަ މޮޅެއް


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ މޮނާކޯ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި އަލްވާރޯ އަބެލޮއާގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑް އިން ވަނީ މޮޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 5 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އެމްބާޕޭގެ ކުރީގެ ޓީމާއި ދެކޮޅަށް އޭނާ ކުޅުނު މި މެޗުގެ 26 ވަނަ މިނިޓުގައި އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. މި ލަނޑާއެކު މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި އެމްބާޕޭ ޖެހި ލަނޑުގެ އަދަދު ވަނީ 11 އަށް އަރާފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 2-0 ގެ ނަތީޖާ އަކުން ރެއާލް މެޑްރިޑް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ފްރޭންކޯ މަސްޓަންޓުއޯނޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ 55 ވަނަ މިނިޓުގައި މޮނާކޯގެ ކެރަރ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން 15 ފަހަރު މަތިން ހޯދާފައިވާ ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ފަސްވަނަ ލަނޑަކީ މެޗުގެ 63 ވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއަރ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މޮނާކޯ އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 72 ވަނަ މިނިޓުގައި ޖޯޑަން ޓެޒޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ރެއާލް މެޑްރިޑް އިން މި މެޗުގެ ނަތީޖާ 6-1 އަށް ބަދަލުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައިވަނިކޮށް ޖޫޑް ބެލިންހަމް ކާމިޔާބުކޮށްދީފައިވާ ލަނޑުންނެވެ.

މި ނަތީޖާ އާއިއެކު ރެއާލް މެޑްރިޑަށް ހަތް މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ.