ޚަބަރު

ހުޅަނގުގެ ޤައުމުތަކުން ޣައްޒާގެ މަދަނީ-އަސްކަރީ ކޯއޯޑިނޭޝަން ސެންޓަރުގައި ބައިވެރިވުމާމެދު ދެވަނަ ވިސްނުމަކަށް


2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް ގެނައުމަށް، އެމެރިކާ އިސްވެއޮވެ އެކުލަވާލާފައިވާ ޞުލްޙައިގެ އެއްބަސްވުމުގެ ދަށުން އުފައްދާފައިވާ މަދަނީ-އަސްކަރީ ކޯއޯޑިނޭޝަން ސެންޓަރު، ސީއެމްސީސީގައި ބައިވެރިވުމާމެދު ބައެއް ޤައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

2025ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޤާއިމްކޮށްފައިވާ ސީއެމްސީސީގެ މައިގަނޑު މަސައްކަތަކީ ޞުލްޙައިގެ އެއްބަސްވުމާ ގުޅޭ ކަންތައްތައް ގާތުން ބަލައި، ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް އެހީތެރިވުމާއި ހަނގުރާމައަށް ފަހު ޢަމަލުކުރާ ސިޔާސަތުތައް އެކުލަވައިލުމަށް އެހީތެރިވުމެވެ.

ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ގިނަ ޤައުމުތަކަކުން ސީއެމްސީސީގައި މަސައްކަތް ކުރުމަށް އަސްކަރީ ރޭވުންތެރިންނާއި ޖާސޫސީ މުވައްޒަފުން ހިމެނޭހެން މުވައްޒަފުން ފޮނުވާފައިވެއެވެ. ނަމަވެސް ޑިސެމްބަރު މަހުގެ ތެރޭގައި އައި ޗުއްޓީއަށް ފަހު، ސީއެމްސީސީގައި މަސައްކަތް ކުރުމަށް ބައެއް ޤައުމުތަކުން ފޮނުވާފައިވާ މުވައްޒަފުން އަނބުރާ މަސައްކަތަށް އައިސްފައެއް ނުވެއެވެ. އެ ޤައުމުތަކުން ވަނީ ސީއެމްސީސީގެ މަޤްސަދުތަކާމެދު ސުވާލު އުފައްދައި، އެ އިދާރާގެ މަޤްސަދުތަކަކީ ވަކި އަމާޒެއް ނެތް މަޤްސަދުތަކެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ޣައްޒާއަށް އެހީގެ ސަމާނު އެތެރެކުރާ މިންވަރު ވެސް އެދެވޭ މިންވަރަށް އިތުރުވެފައި ނުވާ ކަމަށް ޤައުމުތަކުން ދަނީ ފާހަގަކުރަމުންނެވެ.

ރަސްމީ ސިފައެއްގައި އެއްވެސް ޤައުމަކުން މިހާތަނަށް ސީއެމްސީސީން ވަކިވެފައިނުވާއިރު، ބައެއް ސަރުކާރުތަކުން ސީއެމްސީސީއަށް މުވައްޒަފުން ފޮނުވާ ޢަދަދު މަދުކުރުމަށް ދަނީ ވިސްވަމުންނެވެ. އަދި ބައެއް ޤައުމުތަކުން އެއްވެސް ވަރަކަށް މުޒައްޒަފުން ނުފޮނުވުމާމެދު ވެސް ދަނީ ވިސްނަމުންނެވެ.

ސީއެމްސީސީގައި ފަލަސްޠީނުގެ މަންދޫބުން ނުހިމެނޭއިރު، ސީއެމްސީސީގައި ވިލާތުގެ ޤައުމުތަކުގެ ބައިވެރިވުން ކުޑަވެއްޖެނަމަ އެމެރިކާއާއި ޔަހޫދީންގެ ނުފޫޒު އެ އިދާރާގައި އިތުރުވާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.