އެންވަޔަރަމަންޓް މިނިސްޓްރީގެ ޚާއްޞަ މަސްއޫލިއްޔަތެއްގެ ގޮތުގައި އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ އެއް މަސަކަތަކީ ކުނިމެނޭޖްކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން 2018 ގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެރަށަކަށް ބޭނުންވާ ވަރުގެ ކުނިކޮށްޓެއް އަޅުއްވައި، ކުނި މެނޭޖްކުރާނެ ސިސްޓަމެއް ޤާއިމުކޮށްދެއްވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރީޤު އިބްރާހީމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ހދ ހަނިމާދޫގައިވެސް ވަނީ ކުނިކޮށްޓެއް ޤާއިމްކުރައްވާ، އެތަން ބޭނުންކުރައްވަން ވަނީ ފަށްޓަވާފައެވެ.
img:http://s4.psmnews.mv/images/660x400/14696893685934.jpg|ރަށެއްގެ މަގުމަތި ކުނި ކެހުމުގައި އަންހެނުންތަކެއް ހަރަކާތްތެރިވަނީ - ފައިލް ފޮޓޯ: ޕީއެސްއެމް
ހދ. ހަނިމާދުއަކީ ރާއްޖޭގައި ހުރި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ބިންބޮޑު އެއްރަށެވެ. އެރަށުގެ ބޮޑު މިނަކީ 247 ހެކްޓަރެވެ. އެހެންކަމުން ކުނިމެނޭޖްކޮށް، ރަނގަޅުގޮތުގައި ކުނި ނައްތާލުމަކީ އެހެން ރަށްރަށެކޭ އެއްފަދައިން އެރަށަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.
ހަނިމަދޫ ރައްޔިތުންނަކީ ހިވާގި، ރަށް ސާފުކޮށް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަށް ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. ރަށުގެ އަންހެންކަނބަލުން މުރާލިކަމާއެކު ރަށް ސާފްކޮށް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ރަށުގެ އެކި އަވަށްތަކަށް ބަހަލައިގެން ކޮންމެ ހަފްތާއަކު އެއްދުވަހު ރަށުތެރެ ސާފުކުރެއެވެ. އަދި ކުރިއްސުރެ ޢަމަލުކުރަމުން އައި ހުރިހާ ސަރަޙައްދަށް ކުނިއެޅުމުގެ އާދަ ނައްތާލުމަށް ކައުންސިލާއި ރައްޔިތުން ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ އިތުރުވެސް ކުނި މެނޭޖްކުރުމަށް ގިނަ މަސައްކަތްކެއް ކުރެއްވުމަށް ހަނިމާދޫ ކައުންސިލުން ވަނީ ރާއްވަވާފައެވެ.
ކުނިމެނޭޖުކުރުމަށް ކައުންސިލް ވިސްނެވުން ހުރިގޮތާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެރަށު ކައުންސިލުން ވިދާޅުވީ ގޭބިސީތަކުން އުކާލެވޭ ކުނި ވަކިކުރެވޭނެ އިންތިޒާމް ކުރިއަށް އޮތްތަނުގައި ކުނިކޮށީގައި ޤާއިމްވެގެންދާނެކަމަށެވެ. އަދި ކައުންސިލުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރަށުގައި މީހުންދިރިއުޅޭ ކޮންމެ ގެއަކަށް ޑަސްބިނެއް ދެއްވުމަށްކަމަށެވެ.
img:http://s3.psmnews.mv/images/660x400/14717737666999.jpg|ރ. އަލިފުށީގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތުގައި ވެމްކޯއިން ހަރަކާތްތެރިވަނީ - ފޮޓޯ: ވެމްކޯ
ކައުންސިލް އެހީތެރިކަމާއެކު ގޭގެއިން އުކާލެވޭ ކުނި ކުނިމެނޭޖްކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް ކައުންސިލުން މިކަންތައްތައް ޢަމަލީގޮތުން ފަށައިނުގަނެވިގެން އުޅެނީ ބަޖެޓްގެ ދަތިކަމުގެ ސަބަބުންކަމަށް ކައުންސިލުން ވިދާޅުވެއެވެ.
ރައްކާތެރިގޮތުގައި ކުނިމެނޭޖްކުރުމުގެ މަޝްރޫޢުގެ ތެރެއިން މިއަހަރުގެ ތެރޭގައި ހދ. ހއ. ށ. ގައި ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް ހެއްދެވުމުގެ މަސައްކަތް ސަރުކާރުން ގެންދަވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
"ހއ. ހދ. ށ މި ތިން އަތޮޅަށް ބޭނުންވާ ހުރިހާ ރަށެއްގެ، މިއީ ރީޖަން އެކެއް އަޅުގަނޑުމެން ކުނި މެނޭޖްކުރުމަށް ޕްލޭންކޮށްފައިވާ. ރީޖަން އެކެއްގެ ހުރިހާ ރަށެއްގައިވެސް މި މަސައްކަތްތައް ފެއްޓިގެންދާނެ. މި ރަށްރަށުގައި ކައުންސިލްތައް މެދުވެރިކޮށް، ރައްޔިތުންނަށް ދަސްކޮށްދޭނަން ކާދުހެދުމުގެ ކަންތައްތަކާއި ކުނިމެނޭޖްކުރުމުގެ ކަންތައްތައް"- އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވާ ގޮތުގައި މި މަޝްރޫޢުތައް ހިންގަވަނީ ޕީ.އެސް.އައި.ޕީގެ އިތުރުން ބޭރުގެ ލޯން އެހީގެ ދަށުންނެވެ. ކުނި މެނޭޖްކުރުމުގެ ބައިން އެކަނިވެސް ޕީ.އެސް.އައި.ޕީ ބަޖެޓުން މިއަހަރުގެ މިހާތަނަށް 20.3 މިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ސަރުކާރުން މިހާރުވެސް ގެންދަވަނީ ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭހެން ރ. ވަންދޫގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރައްވައި، އެ ސަރަޙައްދުގައި ހިމެނޭ 44 ރަށެއްގެ ކުނި މެނޭޖްކުރުމުގެ މަސައްކަތްކުރައްވަމުންނެވެ.