އިސްލާމް މާއްދާ ދަރިވަރުންނަށް ބޮޑަށް ފަހުމްވަނީ އިނގިރޭސިބަހުން ކަމަށްވާނަމަ، އެ މާއްދާ އިނގިރޭސިބަހުން ކިޔަވައިދިނުމަކީ މައްސަލައެއް ނޫން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އިސްލާމް ފޮތްތަކުގައި ހުންނަ ބައެއް ފިލާވަޅުތައް ދަރިވަރުންނަށް ދޭހަވުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
ބައެއް ދަރިވަރުން އިސްލާމް ފޮތުގައި ހުންނަ ދޭހަނުވާ ފިލާވަޅުތައް ދޭހަކުރުމަށް އިނގިރޭސިބަހުން ލިޔެ އުޅެއެވެ. އަދި ކިޔަވައިދޭ ފިލާވަޅު ބައެއް ދަރިވަރުންނަށް އިނގިރޭސިން ފަހުމް ވާނެތީ އިސްލާމް ބައެއް ފިލާވަޅުތައް އިނގިރޭސިބަހުން ދަނީ ކިޔަވައިދެމުންނެވެ. މިއީ ވަރަށް ގިނަ މީހުންގެ ޝަކުވާއެކެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމެނޭ އިސްލާމް މުޤައްރަރު މިޒަމާނުގެ ޖީލުތަކަށް ވިސްނޭނެ ފަދަ ފަސޭހަ އިބާރާތަކުން އަލުން އެކުލަވައިލަން ޖެހޭ ކަމަށެވެ.
ވަޒީރު ވިދާޅުވީ، އިސްލާމް މުޤައްރަރު ޒަމާނަށް ފެތޭގޮތަށް ބަދަލު ކުރުމުގެ އިތުރުން ފޮތްތަކުގެ ވައްޓަފާޅިއާއި ލޭއައުޓަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި މުޤައްރަރުގެ މުހިންމު ބައިތައް ހިމަނައިގެން، ކުދިންގެ ގްރޭޑާއި އުމުރުފުރާއަށް ގުޅޭގޮތަށް މުޤައްރަރު ބަދަލު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިސްލާމް މާއްދާގެ ތެރޭގައި ހިމެނޭ އިސްލާމީ އެކި ދާއިރާތަކުގެ މަޢުލޫމާތުތައް، އެކި މަރުޙަލާތަކަށް ވަކި މާއްދާތަކެއްގެ ގޮތުގައި ބަހާލުމަކީވެސް ރަނގަޅު ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި މިއީ ދަރިވަރުންނަށް އެ މާއްދާގެ ކަންކަން އޮޅުންފިލުވައިދިނުމަށް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ބަހުގެ ބޭނުންކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އިސްލާމް މާއްދާ ދަރިވަރުންނަށް ބޮޑަށް ފަހުމްވަނީ އިނގިރޭސިބަހުން ކަމަށްވާނަމަ، އެ މާއްދާ އިނގިރޭސިބަހުން ކިޔަވައިދިނުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ދިވެހި ބަހުގެ ކުރިއެރުމާ ގުޅޭގޮތުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ދިވެހި ބަސް މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމުންވެސް ބަސް ކުރިއަރާނެ ކަމަށެވެ. ނަމަވެސް ބަސް އެންމެ ބޭނުންވާ މިންވަރަށް ކުރިއަރުވަން ބޭނުންނަމަ މުޅި ތަޢުލީމީ ނިޒާމު ދިވެހި ބަހަށް ބަދަލުކުރަން ޖެހޭނެ ކަމަށާއި، އެއީ ރާއްޖެއަށް އެންމެ މުނާސަބު ގޮތް ކަމަށް ނުވެދާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.