ދުނިޔޭގެ ބޮޑެތި ޤައުމުތަކުން އދއަށް ދޭ މާލީ އެހީ މަދުކުރުމުގެ ނޭދެވޭ އަސަރު، ޔަމަނުގައި ކާޑުބައްޔާއި ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި ލިބިފައިވާ ކުރިއެރުންތަކަށް ކުރާނެކަމަށް އދއިން ބުނެފިއެވެ. ޔަމަނުގައި އެހީ ބޭނުންވާ މީހުންގެ ޢަދަދު މި އަހަރު 21 މިލިއަނަށް އަރާނެކަމަށް އދ.އިން ވަނީ ލަފާކޮށްފައެވެ. މިދިޔަ އަހަރު އެ ޢަދަދު ހުރީ 19.5 މިލިއަން ގައެވެ.
އދއިން ޔަމަނަށް ކަނޑާއަޅާފައި ހުންނަވާ މަންދޫބު ޖޫލިއަން ހާނީސް ވިދާޅުވީ، ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، އިޤްތިޞާދަށާއި ޢުމްރާނީ ވަޞީލަތްތަކަށް އިތުރު ހީނަރުކަން އައިސްފައިވާތީ، އެ ޤައުމަށް ކުރިމަތިވެފައިވާ އިންސާނީ ކާރިޘާ، މި އަހަރު އިތުރަށް ގޯސްވާނެކަމަށް ބެލެވޭ ކަމަށެވެ. ހާނީސް ވިދާޅުވި ގޮތުގައި، އދގެ އެހީ ފޯރުކޮށްދޭ ޖަމާޢަތްތަކަށް ޚާއްޞަކޮށް ހުޅަނގުގެ ޤައުމުތަކުން ދޭ މާލީ އެހީ ވަރަށް ބޮޑަށް މަދުކޮށްފައިވުމަކީ، ޔަމަނަށް ކޮންމެހެން ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް، ސަޢުދީ ޢަރަބިއްޔާ ފަދަ ޢަރަބި ޤައުމުތަކުން ޔަމަނަށް އެހީވާން ތައްޔާރަށްތިބިކަމުގެ އިޝާރާތެއް ލިބިފައިވާތީ، އެ އެހީ ހޯދުމުގެ މަސައްކަތް އދއިން އިސްވެ ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ހާނީސް ވިދާޅުވީ، ފާއިތުވި 10 އަހަރުގެ ތެރޭގައި، ޔަމަނުގައި ފެތުރެމުންދިޔަ ކާޑުބައްޔާއި އިތުރު އެހެން ބަލިތަކާ ދެކޮޅަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވީނަމަވެސް، މި އަހަރު އެ މަސައްކަތް ކުރިއަށް ގެންދަން ދަތިތަކާ ކުރިމަތިވާނެކަމަށެވެ.
މިގޮތުން، ޕޯލިއޯ އާއި މީސަލްސް ފަދަ ބަލިތައް އިތުރުވެއްޖެނަމަ، ޔަމަނުގެ އަވަށްޓެރި އެހެން ޤައުމުތަކަށް އެ ބަލިތައް ފެތުރުމުގެ ބިރު ބޮޑުކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
ޔަމަނުގައި ޙަރަކާތްތެރިވާ ހޫޠީންގެ ޖަމާޢަތުގެ ކޮންޓްރޯލްގެ ދަށުގައި ހުރި ސަރަޙައްދުތަކަށް އެހީ ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން، 2021ވަނަ އަހަރުން ފެށިގެން، ޔަމަނަށް އެހީ ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ 73 މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށް ހާނީސް ވިދާޅުވިއެވެ.
މިދިޔަ އަހަރު ޔަމަނުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހޭދަކޮށްފައިވާ 680 މިލިއަން އެމެރިކާ ޑޮލަރަކީ، ބޭނުންވި ޢަދަދުގެ އެންމެ 28 އިންސައްތަކަން އޭނާ ފާހަގަކުރެއްވިއެވެ.